22 Sep 2010, 13:53
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ޒިންމާދާރުކުރުމުގެ ނަމުގައި ޑީއާރުޕީގެ ދެ ނައިބު ލީޑަރަކު އިސްވެ ތިއްބަވައިގެން މުޒާހަރާއެއް ރޭވީތީ އުމަރު ނަސީރުގެ މައްސަލަ ބެލުމަށް ޑީއާރުޕީ ކައުންސިލުން މިއަދު ނިންމައިފައި ވަނިކޮށް، މާދަމާ ރޭ މުޒާހަރާ ބާއްވާނެ ކަމަށް އުމަރާއި އިލްހާމް ސޮއިކުރައްވައި، ޑީއާރްޕީގެ ލެޓަހެޑްގައި އަނެއްކާ ވެސް ބަޔާނެއް ނެރެފި އެވެ.
ދެ ނައިބު ލީޑަރުން ސޮއިކުރައްވައިފައިވާ ހަތަރު ފޮޅުވަތުގެ ބަޔާނުގައި ވަނީ "ސަރުކާރުން ދައުލަތުގެ ހަރުމުދާތައް ހިތުހުރި ގޮތަކަށް ވިއްކަމުންދާތީ "ގަންނާނެއްބާ ސަރުކާރު" ގެ ޝިއާރުގެ ދަށުން ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ބާއްވާ އެއްވުން މާދަމާ (23 ސެޕްޓެމްބަރު 2010) ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި އާތިފިޝަލް ބީޗުގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.
އުމަރުގެ މައްސަލަ ކޮމެޓީން ބަލަން ކައުންސިލުން ނިންމީ މުޒާހަރާއެއް އޮންނާނެ ކަމަށް ބުނެ ޑީއާރުޕީގެ ރަސްމީ ލެޓަހެޑްގައި ނޫސްބަޔާނެއް ނެރެފައިވާތީ އެވެ. އުމަރާއި އިލްހާމް އެ ނޫސްބަޔާން ނެރުއްވީ އެ ދެ ބޭފުޅުން އިސްވެ ތިއްބަވައި މުޒާހަރާއެއް ބާއްވާނެ ކަމަށް އެސްއެމްއެސްތަކެއް ފެތުރެން ފެށުމުން އެއީ ޑީއާރުޕީގެ މުޒާހަރާއެއް ނޫން ކަމަށް ބުނެ ޑީއާރުޕީގެ ރަސްމީ ލެޓާހެޑްގައި ނޫސްބަޔާނެއް ނެރުމާ ގުޅިގެންނެވެ.