03 Dec 2012, 13:25
ރާއްޖޭގައި ހިންގާ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް އެޅިފައި ނުވާ ކަމަށް އިންޑިއާގެ ޓާޓާ ހައުސިން އިން ބުނެފި އެވެ.
ޓާޓާ ހައުސިންގެ މެނޭޖިން ޑައިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް ބްރޮޓިން ބާނަރްޖީ ވިދާޅުވިކަމަށް އިންޑިއާގެ ދަ ބިޒްނަސް ސްޓޭންޑާޑް ނޫހުން މިއަދު ބުނީ އެ ކުންފުންޔާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެސްޖީ 18 ޑިވެލޮޕާސްއާ ގުޅިގެން ރާއްޖޭގައި ހިންގަމުން ގެންދާ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއަށް ހުރަހެއް އެޅިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ހައުސިން ޕްލޮޓެއް އަޅާ ތަން ބަދަލުކުރަން ދިވެހި ސަރުކާރުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ވިއްކާ ގޮތަށް އިމާރާތްކުރާ އެއް ޕްލޮޓްގެ ލޮކޭޝަން ބަދަލުކުރަން ސަރުކާރުން އެދުނު. އެކަމާ އަލުން ވިސްނުމަށް އަހަރެމެން ވާނީ ސަރުކާރުގައި އެދިފައި. އަދި އަހަރެމެން އުއްމީދުކުރަނީ އަލުން ވިސްނާނެ ކަމަށް،" ބާނަރްޖީ ވިދާޅުވި ކަމަށް ނޫހުގައިވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ލަސްވެފައިވީ ނަމަވެސް ވިއްކާ ގޮތަށް އިމާރާތްކުރާ ހައުސިން ޕްލޮޓްގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށުމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަހަރެމެން އުއްމީދުކުރަނީ އާ ސަރުކާރުން އެގްރިމެންޓަށް އަމަލުކުރާނެ ކަމަށް،" ބާނަރްޖީ ވިދާޅުވި އެވެ.
ބާނަރްޖީއާ ހަވާލާދީ ނޫހުގައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން ޓާޓާހައުސިންއާއި އެސްޖީ 18 ޑިވެލޮޕާސްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ވިއްކުމަށް ފެލެޓް އެޅުމަށް 150000 އަކަފޫޓްގެ ބިން އެ ކުންފުންޏަށް ލިބެން ޖެހެ އެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް 45 އޭކަރުގެ ރަށަކުން 20000 އަކަފޫޓްގެ ބިން ލިބެން ޖެހެ އެވެ.
ބެލެވޭ ގޮތުގައި ލޮކޭޝަން ބަދަލުކުރަން އެންގިކަމަށް ޓާޓާ އިން ބުނެފައި އެވަނީ މާލޭގައި އަޅަން ހަމަޖެހިފައިވާ ފްލެޓް ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން އެންގި އެންގުމަށެވެ.