03 Dec 2012, 13:19
ތޭވީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޒަން ފިރިހެން ސިންގަލްސް ޗެމްޕިއަން ކަން ވޭތުވެ ދިޔަ ދެ އަހަރުގެ ވެސް ޗެމްޕިއަން ހަސަން ނާޒިމް ހޯދައިފި އެވެ.
އިއްޔެ ހަވީރު ކެރަމް ހޯލުގައި ކުޅެވުނު ފައިނަލް މެޗްގައި ނާޒިމު މެޗް ކާމިޔާބު ކޮށްފައި ވަނީ ހުސައިން އަލީ އާއި ވާދަކޮށް ދެސެޓު އެއްސެޓުން ނެވެ. ނަވާރަސަތޭކަ ނުވަދިހަ ހަ ވަނަ އަހަރުގެ އިންޓަ ސްކޫލް ކެރަމް މުބާރާތުން ކެރަމް އަށް ތައާރަފުވި ހަސަން ނާޒިމް މި އަހަރު ޗެމްޕިއަންކަން ހޯދުމުން ވޭތުވެ ދިޔަ ދެ އަހާރާ އެކު ޖެހިޖެހިގެން ތިން ފަހަރު މަތިން ގައުމީ މުބާރާތިގެ ޕްރިމިއާ ޑިވިޒަން ފިރިހެން ސިންގަލްސް ޗެމްޕިއަން ކަން ހޯދައި އޭނާ ވަނީ މި ތަށި މިލްކު ކޮށްފަ އެވެ.
ފައިނަލް މެޗަށް ފަހު ސަން އޮންލައިން އަށް ދިން އިންޓަވިއު އެއްގައި ނާޒިމް ބުނީ، ޗެމްޕިއަންކަން ހޯދައި ތަށި މިލްކު ކުރެވުމުން އޭނާ ހުރީ ވަރަށް އުފާ ވެފައި ކަމަށާއި ރާއްޖޭގައި ކެރަމްގެ ރަނގަޅު ޖީލެއް އުފަން ވުމަކީ އޭނާ ދެކޭ އެންމެ ބޮޑު އެއް ހުވަފެން ކަމުގަ އެވެ.
"ޗެމްޕިއަން ކަން ލިބުމުން ވަރަށް އުފާވޭ. އެންމެ ބޮޑު ކާމިޔާބީ އަކީ ތަށި މިލްކު ކުރެވުމުން. އަޅުގަނޑު މިހާރު ދެކެން ބޭނުންވާ ދުވަހަކީ، ރާއްޖޭގައި ކެރަމް ކުޅޭނޭ ރަނގަޅު ޖެނެރޭޝަންއެއް އުފެދުން. އަދި ރާއްޖެ އިން ބޭރުގައި ވެސް ރަނގަޅު ކާމިޔާބިއެއް ހޯދުން،" ނާޒިމް ބުންޏެވެ.
މި މުބާރާތުގެ ޕްރިމިއާ ޑިވިޒަން އަންހެން ސިންގަލްސް ޗެމްޕިއަން ކަން ހޯދީ އާމިނަތު ނިފާޝާ އެވެ. ނިފާޝާ އޭނާގެ އުފާތައް ސަން އޮންލައިނާ ހިއްސާ ކުރަމުން ބުނީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތަށް ފަހު ޗެމްޕިއަން ކަން ލިބުމުން ވަރަށް އުފާވާ ކަމަށާއި އޭނާ ހުރީ ކެރަމް އިން އަދިވެސް ކުރިޔަށް ދާން ތައްޔާރަށް ކަމަށާއި އަދި އޭނާގެ އުންމީދަކީ ކެރަމް ކުޅެގެން ދުނިޔޭގެ ފެންވަރުގެ ވަނަ އެއް ހޯދުން ކަމަށެވެ.
"މިއީ އަޅުގަނޑު މުބާރާތިގައި ބައިވެރިވި ހަތަރު ވަނަ ފަހަރު. ޗެމްޕިއަން ކަން މިލިބުނީ ހަތަރު ވަނަ ފަހަރު ކުޅެގެން. ދެން އެ ހާދުވަހު މަސައްކަތް ކޮށްފަ މިހާ ހިސާބަށް އާދެވުމުން ވަރަށް އުފާވޭ. އަޅުގަނޑު އަދިވެސް ކެރަމް ކުޅޭނަން. އަޅުގަނޑު އުއްމީދު ކުރަނީ ދުނިޔޭގެ ވަނައެއް ހޯދަން،" ނިފާޝާ އޭނާގެ ޝުއޫރުތައްފާޅު ކުރިއެވެ.
ތޭވީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ އެންމެ އުއްމީދީ ފިރިހެން ކުޅުން ތެރިއަކީ ސަދޫދު ސާމިއު އެވެ. އަދި އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވުނީ މަރިޔަމް ނަދާ އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އާއިޝަތު ފައިނާޒު އެވެ.
މި މުބާރާތުގެ ޕްރިމިއާ ޑިވިޒަން ފިރިހެން ޑަބަލްސް ޗެމްޕިއަން ކަން ހޯދީ ޝާފީ މުހައްމަދާއި އަހްމަދު ހާމިދު އެވެ. ޕްރިމިއާ ޑިވިޒަން އަންހެން ޑަބަލްސް ޗެމްޕިއަން ކަން ހޯދީ އައިޝަތު ފައިނާޒާއި އަފީފުއްނިސާ އެވެ. މިމުބާރާތުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަކަން ހޯދީ ހަސަން ނާޒިމާއި އައިޝަތު ފައިނާޒެވެ. ޓީމް އިވެންޓު ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ހޯދި އިރު އަންހެން ޓީމު ޗެމްޕިއަންކަން ހޯދީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އެވެ.