Last Updated: 1 decade 3 year ago
Last Updated:
1 decade 3 year ago
ސަރުކާރުގެ ފޮނުވި ނޯޓިސްއާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ބުނެފި
13:23
ސިންގަޕޫރު ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށާއި އެއްބަސްވުން އުވާލުމާ ގުޅިގެން ސަރުކާރުން ދޭންޖެހޭ އެއްޗެއް ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި.
13:21
އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖު ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އެ ބައި ކޮންސެޝަން ފީން އުނިކުރުމަށް އެމްއޭސީން ސިޓީ ފޮނުވައިގެން ފިނޭންސުން އެނގި އެންގުމުގައި ވެސް މައްސަލަތަކެއް އެބަ ހުރި ކަމަށް ޑރ. ޖަމީލް ވިދާޅުވި.
13:18
ޖީއެމްއާރު ކުންފުންޏާ އެއާޕޯޓް ހަވާލުކުރުމުގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުން އޭރުގެ ބަންޑާރަ ނައިބުގެ ލަފާފުޅެއް ހޯދައިފައި ނުވާ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވި.
13:16
ޖީއެމްއާރަށް ރާއްޖެއިން ގެރެންޓީ ދީގެން އިންޑިއާގެ އެގްޒިމް ބޭންކުން ހޯދައިފައިވާ ލޯން ދެއްކުމަށް އަންގައި އެބޭންކުން ފޮނުވާފައިވާ ނޯޓިސް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ނާޒިމް ވިދާޅުވި.
13:13
ޖީއެމްއާރުގެ މައްސަލާގައި ސިންގަޕޫރު ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ހިންގާފައިވާ ކުށްތަކަށާއި ސަރުކާރަށް ލިބިފައިވާ ގެއްލުންތަކަށް ވެސް ރިޔާއަތްކޮށްފައި ނުވާ ކަމަށް ޑރ. ހަސަން ސަޢީދު ވިދާޅުވި.
13:12
ޖީއެމްއާރަށް އެއާޕޯޓް ދިނުމުގައި ޖިނާއީ ކުށްތައް ހިންގާފައިވާ ފަރާތްތަަކުގެ މައްސަލަތައް ތަހުގީގުކޮށް ކޮޅެއްގައި ޖައްސަވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި.
13:11
ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރިއިރު އެކަމުގެ ބަދަލުގައި ދިވެހި ސަރުކާރުން ދޭންޖެހޭނީ ކިހާވަރެއްގެ އެއްޗެއްތޯ އަދި ބެލިފައިނުވާ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވި
13:07
އަންނަ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އެއާޕޯޓް ހިނގަމުންދާނީ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ އެމްއޭސީއެލްގެ ދަށުން ކަމަށް ނާޒިމް ވިދާޅުވެއްޖެ. އަދި އެކަން އެއްވެސް އުނދަގުލަކާ ނުލައި ކުރެވިގެންދާނެ ކަމަށާއި ޖީއެމްއާރުން ވެސް އެދުވަހު އެއާޕޯޓުން ފައިބައިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި.
13:03
ޑރ. ހަސަން ވިދާޅުވީ ސިންގަޕޫރު ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ވަފުދެއް ސިންގަޕޫރުގައި ހަރަކާތްތެރިވަމުން ގެންދަވާ ކަމަށާއި އޭގެތެރޭގައި ބަންޑާރަ ނައިބު އައިސަތު އާޒިމާ ޝަކޫރު ވެސް ހުންނެވި ކަމަށް.
13:00
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޖީއެމްއާރާ އެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން ސަރުކާރުން ދޭން ޖެހުނު ބަދަލެއްދީގެން ނަމަވެސް އެނިންމުމާ އެއްގޮތަށް ސަރުކާރުން އަމަލް ކުރާނެ ކަމަށް.
12:55
ޑރ. ހަސަން ސައީދު ވިދާޅުވީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުން ދިވެހި ސަރުކާރާ ދެކޮޅަށް ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށާއި އެއަމުރު އިސްތިއުނާފު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް. އަދި ސަރުކާރުން ސަރުކާރާއި ދެކޮޅަށް އާބިޓްރޭޝަނަށް ވެސް އަމުރެއް ނުނެރެވޭނެ ކަމަށް ސަރުކާރުން ގަބޫލްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
12:54
ސަރުކާރުން މިހާރު ދީފައިވާ ނޯޓިސްއާ އެއްގޮތަށް ޖީއެމްއާރު ފޮނުވާލައިގެން ވެސް ޖީއެމްއާރަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށާއި ނަމަވެސް މިއެއްބަސްވުން އިތުރަށް ދަމަހައްޓަައިފިނަމަ ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވި.
12:53
އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ އެއާޕޯޓް ހަވާލުކުރުމުގައި ޖިނާއީ ބޮޑެތި ކުށްތަކެއް ވެސް ހިންގާފައިވާ ކަމަށް ޑރ. ހަސަން ސަޢީދު ވިދާޅުވެއްޖެ
12:50
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދިވެހި ސަރުކާރުން ނެރެފައިވާ ނޯޓިސްއާ އެއްގޮތަށް ހަތް ދުވަސް ވުމުން އަމަލް ކުރާނެ ކަަމަށާއި އެެއްވެސް ދިވެއްސެއްގެ އަދި ބޭރު މީހެއްގެ ވަޒީފާ އެ ނޯޓިސްއަށް އަމަލު ކުރި ނަމަވެސް ގެއްލިގެން ނުދާނެ ކަމަށް ނާޒިމް ވިދާޅުވި.
12:49
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ސިންގަޕޫރު ކޯޓުން މިއަދު ނެރެފައިވާ އަމުރާ ގުޅިގެން ލޯޔަރުން ލަފާދެއްވާފައިވަނީ އެތަން އަތުލުމަށް ކަމަށް.