03 Dec 2012, 12:13
މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ސ. މަރަދޫ "ހިތްވަރު" ބޯޓު ހޯދުމަށް އިންޑިޔާގެ މަތިންދާ ބޯޓަކުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހިތްވަރު ބޯޓް ހޯދުމަށް ކަނޑާއި ވައިގެ މަގުން މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަންގައި މިއަދު ހެނދުނުން ފެށިގެން އިންޑިއާގެ ނޭވީގެ ހާއްސަ ފްލައިޓެއް ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ފްލައިޓަކީ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ފްލައިޓެއް ކަމަށެވެ.
"ހިތްވަރު" ބޯޓު ހޯދުމަށް އެމްއެންޑީއެފުން ކުރަމުން ގެންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށްޓަަކައި އިންޑިއާގެ ނޭވީ ފްލައިޓް މާލެ އައިސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ތިން ބިދޭސީ މީހަކާއި ދިވެހި ފަސް މީހެއްގެ އިތުރަށް 11 އަހަރުގެ ކުޑަ ކުއްޖަކާ އެކު ގެއްލުނު ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮންނާނެ ކަމަށް އަދިވެސް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން އެބޯޓާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބެލުމަށްޓަކައި ރާއްޖެ އާއި އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ އާއި އިންޑިއާ ސީޝެލްސް އަދި މޮރިޝަސްގެ މެރިޓައިމްސް ރެސްކިއު ކޯޓިނޭޓަރު ސެންޓަރުތަކާ ކޯޑިނޭޓްކޮށް އެ ގައުމާ ކައިރި ސަރަހައްދުތަކުން ދަތުރު ކުރާ ބޯޓުތަކާ ބެހޭ މައުލޫމާތު އެމްއެންޑީއެފާއި ހިއްސާ ކުރުމަށް އެގައުމުތަކުގައި އެދިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.