އަންހެނުން ބާރުވެރި ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެންމެ ފަހު ބަސްބުނާ މަރުހަލާގައި ހުރި މަގާމްތައް އަންހެނުންނަށް ދިނުމަށް ފިރިހެނުން ޖެހިލުންވުން ކަމަށް ނައިބް ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަންހެން ކައުންސިލަރުނަށް ހާއްސަކޮށްގެން "އަންހެން ކައުންސިލަރުންގެ ފޯރަމް" މިއަދު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި ފައްޓަވައި ދެއްވަމުން ނައިބް ރައީސް ވިދާޅުވީ ލޯކަލް ގަވަނެސް އުސޫލް ރާއްޖެ އަށް ތައާރަފްކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް އަންހެން ބޭފުޅެއްގެ އެހީތެރިކަމާއި ބުރަ މަސައްކަތުން ލޯކަލް ގަވަނަންސް ނިޒާމް ގާއިމްކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ ބައިނަލްލަގުވާމީ ގިނަ މުއާހަދާތަކެއްގައި ރާއްޖެ އިން ސޮއިކޮށްފައިވާ އިރު އަންހެނުންނާއި ފިރިހެނުނަށް ލިބިދޭން ޖެހޭ ހައްގުތައް ހަމަހަމަ ކަމާ އެކު ލިބެން ޖެހޭ ކަމަށް ސަރުކާރުން ގަބޫލްކޮށްފައިވާ ކަމަށާއި ނަމަވެސް މިގައުމަށް ވެސް އަދި ދުނިޔެއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެންމެ ފަހު ބަސް ބުނާ މަރުހަލާގައި ހުރި މަގާމްތައް އަންހެނުނަށް ދޭން ފިރިހެނުން ޖެހިލުންވުން ކަމަށެވެ.

"އަޅުގަނޑުމެން ލޯބިވެސް ވަން، ފިނިފެންމާ ވެސް ދެން، ލަވަވެސް ހަދަމް އަދި އެއަށްވުރެ ރީތި ތަރިތަކާއި ހަނދުތަކާއި އެއްވަރުކުރަން، އެހެންނަމަވެސް މަގާމަށް އައީމާ ހަމަޖެހިލުންވަނީ އިނގެތޯ. އެކަން މިއަދުގެ ޕާލިމެންޓުން ފެނިވަޑައިގެންނަވާނެ އެންމެ ފަސްބޭފުޅުން. ސަރުކާރުގެ ކެބިނެޓުން އެކަން ފެނިވަޑައިގަންނަވާނެ އެއީ މިއަދު އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ކަމެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

ޑީން ވިދާޅުވީ ސާކް ސަރަހައްދުގެ ގައުމުތަކަށްބަލާ އިރު ރާއްޖޭގައި ވެރިކަންކޮށްފައިވާ ހުރިހާ ސަރުކާރުތަކުން ވެސް އަންހެނުންނާ ދޭތެރޭ ކަންތައްތައް ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި އަދި ގާނޫނާއި ގަވައިދުތައް ވެސް ހަދާފައި ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވޭ ގޮތަށް ކަމަށާއި ހަމައެކަނި ބޭނުންވަނީ ކުޑަ ވިސްނުމެއް ބަދަލުކުރުން ކަމަށެވެ. އަދި ވިދާޅުވީ ލޯކަލް ގަވަނަސް އުސޫލް ގެނައިރު 30 ޕަސެންޓް ކައުންސިލަރުންނަކީ އަންހެން ކައުންސިލަރުން ކަމަށް ގާނޫނުގައި ނިންމުމަށް ވަރަށް މަސައްކަތްކުރެއްވި ކަމަށާއި ނަމަވެސް އެކަން ނުވި ކަމަށެވެ. އަދި ވިދާޅުވީ ގާނޫނަށް ބަދަލުގެނައުމަށް މަސައްކަތްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ނައިބް ރައީސް ވާހަކަފުޅުގައި ވަނީ އަންހެން ކައުންސިލަރުން ގުޅިގެން އަންހެނުނަށް ދިމާވާ ކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ގޮވައިލެއްވި އެވެ.

ޔޫއެންޑީޕީން އިންތިޒާމްކޮށްގެން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެ ފޯރަމްގައި އަންހެނުން ބާރުވެރިކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އެބައްދަލުވުމުގައި ރާއްޖޭގެ އެކި ރަށްރަށުގެ އަންހެން ކައުންސިލަރުން ބައިވެރިވެ އެވެ.