03 Dec 2012, 11:11
ރާއްޖޭގައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރު ޑީއެމް މުލޭ އެމެރިކާ އަށް ބަދަލުކުކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓްޑޭ އިން މިއަދު ބުނީ އެމެރިކާގައި ހުންނަވާ ކައުންސެލް ޖެނެރަލަކަށް މުލޭ ބަދަކޮށްފައިވާ ކަމަށާއި ރާޖީވް ޝަހާރޭ ނަމަކަށް ކިޔާ ބޭފުޅަކު ރާއްޖޭގައި ހުންނަވާ ހައިކޮމިޝަނަރަކަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖޭގައި ހުންނަވާ ހައިކޮމިޝަނަރަކަށް ހަމަޖެއްސި ރާޖީވް ޝަހާރޭ ކުރިން ހުންނެވީ އިންޑިއާގެ ފޮރިން އޮފީހުގައި ހުޅަނގު އޭޝިއާގެ ކަންތައްތައް ބަލަހައްޓަވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ހައިކޮމިޝަނަރަކަށް ހުންނެވި މުލޭ ރާއްޖޭގައި އެމަގާމް ފުރުއްވަން ހަމަޖެހިފައިވާ މުއްދަތު މިދިޔަ އޭޕްރިލް މަހު ވަނީ ހަމަވެފަ އެވެ.
މުލޭ ރާއްޖޭން ބަދަލުކޮށްފައި މިވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު ދުވަހަކު ވެސް ގޯސް ނުވާ ވަރަށް ގުޅުން ގޯސްވެފައިވާ ދުވަސްވަރެއްގަ އެވެ. އަދި އޭނާ އަށް ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.
ކުރިން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީއަކަށް ހުންނެވި އަދި މިހާރު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލު ރިޒާ މުލޭ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޖީއެމްއާރާ އެކު މުލޭ ވެސް ރާއްޖޭން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި މައްސަލަ އިންޑިއާ އިން އޭރު ސީރިއަސްކޮށް ނެގި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސަލްމާން ޚޫރުޝީދު ރާއްޖެއާ ބެހޭ ގޮތުން އެންމެ ފަހުން ވިދާޅުވެފައި ވަނީ ރާއްޖެއާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ބޭނުންކޮށްގެން މަސައްކަތް ކުރި ކަމަށާ އެހެން ނަމެވެސް ރާއްޖޭން މިފަހަރު އިންޑިއާގެ ކެތްތެރިކަން ޓެސްޓްކޮށްފި ކަމަށެވެ.
އިންޑިއާ ޓްޑޭގައިވާ ހަބަރުގައި ބުނެފައި ވަނީ އިންޑިއާއާ ދެކޮޅު ފަރާތްތައް ރާއްޖޭގައި އަދި ދިވެހި ސަރުކާރުގެ ތެރޭގައި ވެސް ތިބިކަމަށް އިންޑިއާ ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
އިންޑިއާ އިން އެމެރިކާ އަށް ކަނޑައެޅި ސަފީރުކަން މުލޭ އަށް ދެއްވިއަސް އަދި އޭނާ ހުންނެވީ މާލޭގަ އެވެ. އިންޑިއާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި މުލޭ ފުރާވަޑައިގަތުމަށް އަދި މަސްކޮޅެއް ނަގާނެ އެވެ.