ސިންގަޕޫރުގެ އާބިޓްރޭޝަނުން މައްސަލަ ބަލަން ފަށަންދެން އެއާޕޯޓްގައި ތިބެވޭނެ ކަމަށް ސިންގަޕޫރުގެ ހައިކޯޓުން ޖީއެމްއާރަށް މިއަދު އަމުރެއްނެރެދީފި އެވެ.

އެ އަމުރު ނެރެދީފައި ވަނީ ސަރުކާރުން ދީފައިވާ ހަތް ދުވަހުގެ ނޯސްޓިއަށް އަމަލުކުރުން ފަސްކޮށް އެއާޕޯޓްގައި ތިބުމުގެ އަމުރަކަށް އެދި ޖީއެމްއާރުން މިދިޔަ ހުކުރު ދުވަހު ސިންގަޕޫރުގެ ހައިކޯޓަށް ވެއްދި އެ މައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގަ އެވެ. މިދިޔަ ހުކުރު ދުވަހުވެސް އެ އަމުރު ހޯދަން ޖީއެމްއާރުން މަސައްކަތް ކުރި ނަމަވެސް އެ ކުންފުންޏަށް އެ އަމުރު އެ ކޯޓުން އެ ދުވަހު ނެރެދީފައެއްނުވެ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ "އާބިޓްރޭޝަން ޓްރައިބިއުނަލް" އުފެދި މައްސަލަ ފެށެންދެން ޖީއެމްއާރުގެ ކޮންޓްރެކްޓްގައި ހުރި ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އެ ކުންފުންޏަށް ދޭންޖެހޭނެ ކަމަށް ބުނެ ސިންގަޕޫރުގެ ހައިކޯޓުން މިއަދު އަމުރެއް ނެރެދީފައިވާ ކަމަށެވެ. އަދި އެ އަމުރާ ގުޅިގެން އެ އޮފީހުން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށާއި އެއަށް ފަހު ސަރުކާރުގެ ސްޓޭންޑެއް މިއަދުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ. އާބިޓްރޭޝަން ޓްރައިބިއުނަލް އަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކަނޑައަޅާ އާބިޓްރޭޓާއަކާއި މިނިވަން އާބިޓްރޭޓަރެއް ހިމެނޭ ގޮތަށް އެކުލަވާލެވޭ ކޮމެޓީއެކެވެ.

"ކޮންޓްރެކްޓް ބާތިލް ކުރި މައްސަލައިގައި އާބިޓްރޭޓާއެއް ކަޑައެޅި، އާބިޓްރޭޝަން ޓްރައިބިއުނަލް އުފެދެންދެން ކޮންޓްރެކްޓްގައި ހުރި ކަންތައްތައް ކުރަން އެ ކުންފުންޏަށް ފުރުސަތު ދޭންވާނެ ކަމަށް އަމުރުގައި ވަނީ. އެ އަމުރާ ގުޅިގެން މިގެންދަނީ އަމުރު ބަލަމުން. އަދި އެއަށް ފަހު މިއަދު ސަރުކާރުގެ ސްޓޭންޑް ހާމަކުރާނަން،" އުޝާމް ވިދާޅުވި އެވެ.

އެއާޕޯޓް ހަވާލުކުރުމަށް ޖީއެމްއާރަށް ދީފައިވާ ނޯޓިސްގެ މުއްދަތު މާދަމާރޭގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް ސިންގަޕޫރު ހައިކޯޓުގެ އަމުރާއި ގުޅިގެން އެ މައްސަލައިގައި ދެން އަމަލުކުރާނޭ ގޮތެއް އަދި ވަނީ ސާފުނުވެފަ އެވެ. ޖީއެމްއާރުން މީގެ ކުރިންވެސް ބުނެފައިވަނީ އެ ނޯޓިސްއަށް އަމަލުނުކުރާނެ ކަމަށެވެ.