03 Dec 2012, 10:28
އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް، ޕޮލިޓިކަލް އެފެއާޒް އޮސްޖާ ފެރްޑާންޑޭޒް ޓެރެންކޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އދ. އިން މިއަދު ބުނީ އެ ޖަމާއަތުގެ ވަފުދަކާ އެކު ދެ ދުވަހުގެ ދަތުރުފުޅެއްގައި ފެރްނާންޑޭޒް މިއަދު ރާއްޖެވަޑައިގަތީ ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ އިސް އޮފިޝަލުންނާއި ސިވިލް ސޮސައިޓީ ތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި ރާއްޖޭގައި މިހާރު އޮތް ހާލަތާ މެދު މަޝްވަރާކުރައްވައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެއްބާރުލުން ދެވެން އޮތް ފުރުސަތުތައް ދެނެވަޑައިގަންނަވައިގަތުމަށް ކަމަށެވެ.
ފެރްނާންޑޭޒްގެ ދަތުރުފުޅުގައި އދ.ގެ ޕޮލިޓިކަލް އެފެއާޒްއާއި ޔޫއެންޑީޕީގެ އިންތިހާބުތަކާ ބެހޭ މާހިރުންގެ ވަފުދެއް ވެސް ވަނީ ރާއްޖެ ވަޑައިގައިގެން ރާއްޖޭގައި އަންނަ އަހަރު އޮންނަ އިންތިހާބަށް އެހީތެރިވުމަށް ޓަކައި އިންތިހާބަކަށް ރާއްޖޭގައި ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެލުމަށް އެސެސްމެންޓެއް ހަދާނެ ކަމަށް ވެސް އދ.އިން ބުންޏެވެ.
ރާއްޖޭގައި މިހާރު އޮތް ހާލަތާ މެދު (ސިޔާސީ ކޯޅުންތަކާ މެދު) ކަންބޮޑުވާ ކަމަށް އދ. އިން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ބުނެފަ އެވެ.
އދ. އިން ރާއްޖެއާ ބެހޭ ގޮތުން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޖަމާއަތަކީ ރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ބައެއް ކާމިޔާބީތައް ހޯދުމުގައި އެހީތެރިވެދީފައިވާ ޖަމާއަތެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ތަރައްގީ އަށް ހުރަސް އެޅިދާނެތީ ކަންބޮޑުވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ބައިވެރިއެއް އަދި އެކުވެރިއެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސްގެ ދިގު ތާރީހެއް އެބަ އޮތެވެ. އަދި މުސްތަގުބަލަށްޓަކައި ރާއްޖެ ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް މިޖަމާއަތުން އެހީތެރިވެދީފައި ވާނެ އެވެ. ނަމަވެސް ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް އަސަރުކޮށްފާނެތީ ޔޫއެން އިން ކަންބޮޑުވާ ކަންބޮޑުވުން ކުރިއަށް އެބަ ގެންދަމެވެ." އދ.ގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދެގައި ވާހަކަތައް ކުރިއަށް ގެންދިއުމަށާއި ގައުމީ އެއްބައިވަންތަކަމާއި ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވާފައިވާ ކަމާއި އޭގެ ފަހުން ހިއުމަން ރައިޓްސް ހައިކޮމިޝަނަރާއި ސްޕެޝަލް ރެޕަޓުއާ އަދި ހިއުމަންރައިޓްސް އެޑްވައިޒަރު ފޮނުވައިގެން މަސައްކަތްކޮށްފައިވާކަން އދ.ގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ބުނެފައި ވަނީ މާޒީގައި ހޯދާފައިވާ ތަރައްގީ ދެމެހެއްޓުމަށް އަމާޒުކޮށްގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށާއި އެކަމަށް އެހީތެރިވެދޭނެ ކަމަށެވެ.