ބޮލީވުޑުގެ ފިލްމުތަކުގައި ހެއްވާ މަޖާ ބައިތައް ކުޅުމުގައި ފާހަގަކޮށްލެވޭ އަނޫޕަމް ކޭރް، އޭނާގެ ދަރިފުޅުގެ ކެރިއަރާ މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފިއެވެ. "އަހަރެންގެ ދަރިފުޅު ކުރިޔަށް ދަނީ ރަނގަޅަށް. އަހަރެން ވަރަށް ހިތްހަމަ ޖެހޭ." އަނޫޕަމް ކޭރް ބުންޏެވެ.

އަނޫޕަމް ދެކޭ ގޮތުގައި އޭނާގެ ދަރިފުޅު ކުރިއަރަމުން ދަނީ އެ ދަރިފުޅުގެ އަމިއްލަ ހުނަރާއި، މަސައްކަތުންނެވެ. އެކަމުގައި އެއްވެސް ނުފޫޒެއް ބޭނުމެއް ނުކުރެއެވެ. މަޝްހޫރު ފިލްމީ ތަރީންނާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން އަނޫޕަމް ކޭރްގެ ދަރިފުޅު ސިކަންދަރު ކޭރްއަށް ބޮލީވުޑުގައި ކުރިއަށް ދިއުން ފަސޭހަ ވި ތޯ އަހައިލުމުން އަނޫޕަމް ކޭރް ބުނެފައި ވަނީ "ފަސޭހަ ވި ނަމަ މިހާރު އޭނާ ހުންނާނީ ސުޕަރ ސްޓާރެއްގެ ދަރަޖައިގައި. ސިކަންދަރުގެ މިހާތަނަށް ފަސް ފިލްމެއް ރިލީޒް ވެއްޖެ. އެކަމަކު އަދި ގިނަ މީހުންނަށް ތަރިއެއްގެ ގޮތުގައި ވެސް އޭނާއެއް ނޭނގޭ. އެކަމަކު އޭނާ ދަނީ ކުރިޔަށް ކަމަށް އަހަރެންނަށް ގަބޫލު ކުރެވޭ." ކަމަށެވެ.

އަނޫޕަމް ކޭރް މީގެ އިތުރުން ބުނީ، "އަހަރެން އެއްވެސް މީހެއްގެ ގާތަށް ގޮސް، ފަހެއް ނުވަތަ ދިހަ ކުރޯޑު ރުޕީސް ދީފައި، އަހަރެންގެ ދަރިފުޅަށް ޓަކައި ފިލްމެއް ހަދައިދޭށެކޭ ނުބުނާނަން." ކަމަށެވެ. އަނޫޕަމްގެ މި ވައްބަހުގެ އިޝާރާތް އަމާޒުވަނީ ކޮން ފަރާތަކަށް ކަން ނޭނގުނު ނަމަވެސް މިއީ ތިމާމެންގެ ދަރީން ފިލްމީ ދާއިރާއަށް ނެރެފައިވާ ކުރީގެ ބައެއް ތަރީންނަށް އަމާޒުކޮށް ބުނި ވާހަކައެއް ކަމަށް ލަފާ ކުރެވެ އެވެ.