03 Dec 2012, 09:28
ރައްޔިތުންގެ މަޖިލީހުގައި މިހާރު އެންމެ އަޑު ގަދަވަނީ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމުގެ މައްސަލައިގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން އަދި މިނިސްޓަރުންގެ މައްޗަށް ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ތެރެއިން އަންނަނީ ކެޑިނޭޅި މަސައްކަތް ކުރަމުންނެވެ.
އެ ވޯޓުތައް ސިއްރުކުރަން އެމްޑީޕީއަށް މިދަނޑިވަޅުގައި މުހިންމުވާ ސަބަބުތައް ގިނަ އެވެ. އެއީ ރައީސް ޑރ. މުހަންމަދު ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން އިސްވެ އޮވެ މަޖިލީހަށް މި ދަނޑިވަޅުގައި ވެއްދުމެވެ. މީގެ ކުރިން ވެސް އެ އިސްލާހު މަޖިލީހަށް ވައްދައި ފާސްކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ފަހަރު ވެސް އިސްލާހު ތަޅުމުން ބޭރުކޮށްލީ އެވެ. އެ އިސްލާހަށް ތާއީދެއް ނުލިބުނެވެ.
އެކަމަށް ތާއިދު ލިބުނީ 34 މެންބަރެއްގެ ފަރާތުންނެވެ. އަނެއްކާ ވެސް އެމްޑީޕީން އިސްވެ އޮވެ އެ އިސްލާހުވަނީ ތަޅުމަށް ވައްދައިފަ އެވެ. ކޮންމެ ފަހަރަކު ވެސް ބަހަނާއަކަށް ވަނީ ސިޔާސީ މަސްރަހު އޮތްގޮތުން މެންބަރުންނަށް މިނިވަން ކަމާ އެކު ވޯޓުނުލެވުމެވެ. ސިޔާސީ ވެށި ބައްޓަންވެފައި އޮތް ގޮތުން މެންބަރުންގެ ފަހަތުފަޔަށް ބުރަވެވޭ ކަމެވެ.
ނަމަވެސް އެއީ އެ އިސްލާހުގެ ހަގީގީ މަގުސަދު ކަމާ މެދު ސުވާލުއުފެދެ އެވެ. މީގެ ކުރިން ވެސް މެންބަރުން ވޯޓުލަނީ ފާޅުގަ އެވެ. ސިއްރަކުންނޫނެވެ. ނަމަވެސް މިނިވަންކަމާ އެކު ވޯޓުނުލެވުމުގެ ބަހަނާއެއް މެންބަރުން ނުދައްކަވަ އެވެ. ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ޖެހުމުން އިތުބާރުގެ ވޯޓު ސިއްރުކުރުން ބަހަނާއަކަށްވީ އެވެ. އެހާ ހިސާބުން އެ މައްސަލައިގައި އެހެންކަންތައްތަކެއް ތިލަވެ އެވެ.
އެއީ އެމްޑީޕީން އަބަދުވެސް ގޮވާލާ އަވަސް އިންތިހާބާއި މި ސަރުކާރު ނިމުމަކަށް ގެނައުމުގެ ހީލަތްތެރި ރޭވުމެއް ނޫންބާ އެވެ. އެމްޑީޕީން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް އެކަން ހާސިލްކުރުމަށެވެ. ހުދު ރައީސް ނަޝީދާއި މަޖިލީހުގެ އެހެން މެންބަރުން ފަހަކަށް އައިސް ދައްކަވާ ވާހަކަތަކުން އެކަން ވަރަށް ބޮޑަށް ހާމަވެ އެވެ. ރައީސް ނަޝީދު ވެސް ވިދާޅުވަނީ މި ސަރުކާރު ވައްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިދިކޮޅު އެހެން ޕާޓީތަކާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށެވެ. އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭގެ އަނެއްފަރާތުން މަޖިލީހުގެ ތެރެއިން މުޅިން އެހެން މަންޒަރެއް ފެންނަންފަށައިފި އެވެ. އެއީ އިދިކޮޅު ނުފޫޒު ގަދަ އެއްލީޑަރު ކަމަށްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިފަހަކަށް އައިސް ނަންގަވާ ސްޓޭންޑްތަކެވެ. ގަން އެއާޕޯޓް މައްސަލައިގައި އުފެދުނު ނުތަނަވަސްކަމާ އެކު ގާސިމް އިބްރާހިމްގެ އަމަލުތަކުން އޭނާގެ ނިޔަތާ މެދުވެސް ސުވާލުތައް އުފެދެ އެވެ. މިއަދުގެ ވަގުތެއްގައި އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރުމަށް މަޖިލީހުގައި ވޯޓު ނަގާއިރު އިއްޔެ ވަނީ ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އާ އެކު ގާސިމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފަ އެވެ. ޑީއާރުޕީ އާއި މި ސަރުކާރާ ދެމެދުވެސް އޮންނަ ނުތަނަވަސްކަން ބޮޑެވެ. އެއީ އަލިފުށީ ދާއިރާގެ މެންބަރު ނާޝިޒްއާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބީއެމްއެލް އިން ނަގާފައިވާ ލޯނުތައް ނުދެއްކި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން އުފެދިފައިވާ ނުތަނަވަސްކަމެކެވެ. އަދި ޕީޕީއެމްއަށްއަށް އިސްކަންދޭ ކަމަށް ބުނެ އެކަންވެސް ވަނީ ބަހަނާއަކަށެވެ.
ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކުރުން ސިފަކުރަނީ "މަކަރުވެރި ރޭވުމެއްގެ" ގޮތުގަ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކަން ސިފަކުރަނީ އިތުބާރު ނެތްކަމުގެ ވޯޓަކީ މި ސަރުކާރު ވައްޓާލުމަށް ބަޔަކު އަޑީގައި ތިބެގެން ފައިސާ ދީގެން ހިންގާ އަމަލުތަކެއް ކަމަށެވެ.
"މިއީ ގަސްތުގައި ސަރުކާރު ވައްޓާލުމަށް ރޭވާފައިވާ ރޭވުމެއް، ޖީއެމްއާރު އަޑީގައި އިވެގެން ރާވާފައިވާ ނުބައި ރޭވުމެއް. އެގޮތަށް ވޯޓުދޭ އެންމެންނަކީ ހާއިނުން. އެ އެންމެންގެ ފަހަތުން އަޅުގަނޑުމެން ދުވާނަން. ފަހަތުން ވެސް ދާނަން،" އިމްރާން ވިދާޅުވެފައިވެ އެވެ.
އިމްރާން ދައްކަވާ ވާހަކައަށް ބާރުލިބޭކަންކަން ގިނަ އެވެ. މަޖިލީހުގައި ނެގޭ އެކި ވޯޓުތައް ވަކިކޮޅަކަށް އަބުރާލުމަށް މެންބަރުންނަށް ފައިސާދީ އެ މެންބަރަކު ގަނެލުމުގެ ކަންކަން ހިންގާފައި ހުރީ މަދެއްކޮށެއްނޫނެވެ. ވޯޓުލާއިރު ވަކިކޮޅަކަށް ވޯޓުލުމަށް ފަހު އެއީ އޮޅިގެން ވީކަމެއް ކަމަށް ބުނެ މާފަށް އެދުމުގެ ރޭވުންތައް ވެސް ހުރީ ފެންމަތިވެފަ އެވެ. އަނެއްބައި ފަހަރު ބައެއް ވޯޓުތަކާ ދިމާކޮށް ދެކޮޅު ޓިކެޓްދީ ކޮންމެވެސް ގައުމަކަށް މެންބަރަކާއި އާއިލާގެ ބޭފުޅުން ޗުއްޓީ އަށް ފޮނުވުމުގެ ކަންތައްތައް ވެސް ހުރީ ހިނގައިފަ އެވެ. ގާސިމް އާއި ތަސްމީންގެ ބައްދަލުވުމަކީ ވެސް ވޯޓާ ދިމާކޮށް ރާވާ ރޭވުންތަކުގެ ސިލްސިލާގެ ބޮޅެއް ކަމަށްވެދާނެ އެވެ.
މެންބަރުންނަކީ ކޮންމެ ހިނދެއްގައި ވެސް މިނިވަންކަމާ އެކު ވޯޓުލާން ޖެހޭ ބައެކެވެ. މެންބަރުން ސިއްރު ކުރަން ޖެހޭ ކަމެއް ނޯންނާނެ އެވެ. ކޮންމެ މެންބަރަކު ވެސް އެ ގޮނޑިއަށް އިންތިހާބުކޮށްފައި ވަނީ ފާޅުގައި މިނިވަންކަމާ އެކު ވޯޓުދިނުމަށެވެ. މެންބަރުން ވާންޖެހޭނީ ރައްޔިތުންނަށް ވަކާލާތުކޮށްދޭ ބަޔަކަށެވެ. މެންބަރުންގެ މާބޮޑު އިމްތިޔާޒެއް އޮންނަނީ އެހެންވެ އެވެ. އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުމަކީ ރައީސްގެ ނޯކޮންފިޑެންސް ވޯޓު ކާމިޔާބުކުރުމަށް "މެންބަރުން ގަނެލުމުގެ" އެޖެންޑާއަކަށްވެދާނެ އެވެ.
ވޯޓުތައް ސިއްރުކުރުމަކީ ހަގީގަތުގައި ވެސް ސިޔާސީ ހީލަތްތެރި ރޭވުމެއް ނޫންކަމަށް ބުނާނެ ޖާގަ ވަރަށް ހަންޏެވެ. ވޯޓު ސިއްރުކުރުމުން ވޯޓުލަނީ ކިހިނެތްކަމެއް ނޭނގޭނެ އެވެ. އެކަން އޮންނާނީ ފޮރުވިފަ އެވެ. އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކުރުމަކީ ނުބައި ސިގްނަލަކަށް ވެދާނެ އެވެ. ބާޒާރުގައި މުދާ ގަނެ ވިއްކާ އުސޫލުން ވޯޓު ވިއްކުމަށް މެންބަރުންނަށް ލިބޭ ޖާގައަކަށް ވެސް އެކަން ވެދާނެ އެވެ. އެހެން ނޫނީ އެއްފަހަރު ފާސްނުވާ އިސްލާހެއް އަނެއްކާ މަޖިލީހަށް ވެއްދުމުގެ މާނައެއް ނޯންނާނެ އެވެ. އޭގައި ނުބައި ސިއްރުތަކެއް އެކުލެވޭނެ އެވެ. އެއީ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށް ދައުލަތުގެ ބާރުތައް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަތަށް ދޫކޮށްލުމުގެ ނުބައިރޭވުންކަމުގައި ވެދާނެ އެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރާ ނަމަ އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ވެސްމެ އެވެ.