ޤާހިރާ (ޑިސެމްބަރު 3): މިސްރުގެ އާ ދަސްތޫރާ މެދު ރައްޔިތުން ދެކޭގޮތް ބެލުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ބޮއިކަޓް ކުރާނެކަން މިސްރުގެ ފަނޑިޔާރުންގެ ޖަމްޢިއްޔާ އިން ހާމަކޮށްފި އެވެ.

މިސްރުގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ މެންބަރުން ނެރުނު ގަރާރެއްގައި ބުނެފައި ވަނީ މިސްރުގެ އާ ދަސްތޫރާ މެދު ރައްޔިތުން ދެކޭގޮތް ބެލުމުގެގޮތުން މިމަހުގެ 15ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު އެޖަމްއިއްޔާ އިން ބޮއިކަޓް ކުރާނެ ކަމަށާއި މިވޯޓުގެ ކަންތައް ބަލައި ސުޕަވައިޒް ކުރުމަށް އެ ޖަމްއިއްޔާގެ މެންބަރުންގެ ގޮތުގައި ހިމެނޭ އެއްވެސް ފަނޑިޔާރަކު ޙާޒިރުނުވާނެ ކަމުގަ އެވެ.

މިގަރާރުގައި ސޮއިކުރައްވާފައި ވަނީ މިސްރުގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސް އަޙްމަދުއްޒިންދު އެވެ. މިގަރާރަށް ފަހު މިސްރުގެ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި އަޙްމަދުއްޒިންދު ވަނީ މިއީ މިސްރުގެ ރިޔާސަތަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭ ގޮތަށް ރައީސް މުހައްމަދު މުރުސީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނެރުއްވި ރިޔާސީ އަމުރާ ދެކޮޅުހެދުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ސިފަކުރައްވައި އެނިންމުން ބާތިލް ކުރައްވައިފި ނަމަ ފަނޑިޔާރުންގެ ގަރާރު ވެސް ބާތިލް ކުރާނެކަމަށް ވިދާޅުވެފަ އެވެ. އަނެއްކޮޅުން މިސްރުގެ ދަސްތޫރީ އެންމެ މަތީ ކޯޓުން ވަނީ އެކޯޓުގެ މަސައްކަތް ވަކިމުއްދަތެއް ނެތި ހުއްޓާލުމަށް ނިންމާފަ އެވެ.

މިސްރުގެ ދަސްތޫރީ އެންމެ މަތީ ކޯޓަކީ އެޤައުމުގައި އެކުލަވާލާ ޤާނޫނުތަކާއި ގަވާއިދުތަކާއި ގަރާރުތަކަކީ ދަސްތޫރާ އެއްގޮތް ތަކެތިތޯ ބެލުމުގެ ގާނޫނީގައި ސިއްޔަތު ލިބިފައިވާ ކޯޓެވެ. އެކޯޓުގެ ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެކޯޓު އުވާލުމަށް ގޮވާލައި މުޒާހަރާކުރާ މީހުންގެ ދުއްތުރާތަކާއި އިހްތިޖާޖްތަކުގެ ސަބަބުން ފަނޑިޔާރުންނަށް މަސައްކަތް ކުރިޔަށް ގެންދެވެން ނެތްކަމަށާ އެހެންކަމުން މަސައްކަތް ކުރިޔަށް ގެންދެވޭނެ މާޙައުލެއް ތަނަވަސްވަންދެން ކޯޓުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމުގަ އެވެ.

މިސްރުގެ ދަސްތޫރީ އެންމެ މަތީ ކޯޓުން މިގޮތަށް ނިންމާފައި ވަނީ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން އެކޯޓާ ދެކޮޅަށް އިއްޔެ ވަރަށް ވަރުގަދައަށް މުޒާހަރާކޮށް ކޯޓު ސާރުކޮށް އެކޯޓުގެ ފަނޑިޔާރުންނަކީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ދުވަސްވަރު ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހިންގަވާފައިވާ ފަރާތްތަކުންގެ ކޮންޓްރޯލްގެ ދަށުގައިތިބި ބޭފުޅުން ކަަމަށް ސިފަކޮށް ފަނޑިޔާރުންނަށް ބަހުގެ ޙަމަލާތައް ދިނުމާގުޅިގެންނެވެ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ދަސްތޫރީ ކޯޓާ ދެކޮޅަށް ނުކުތީ ވެރިކަމުގެ އިތުރު ބާރުތައް ލިބޭ ގޮތަށް މުރުސީ ނެރުއްވި ރިޔާސީ އަމުރު އުވާލުމަށް ގޮވާލައި މުރުސީ އާ އިދިކޮޅު ފަރާތްތަކުން ދިހަވަރަކަށް ދުވަސްވަންދެން މިސްރުގެ އެކިކަންކޮޅުތަކުގައި މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރުމުންނެވެ.

މުރުސީގެ ރިޔާސީ އަމުރާ ދެކޮޅަށް އެންމެ ބޮޑަށް ނުރުހުން ފާޅުކުރި ބަޔަކީ ފަނޑިޔާރުންނެވެ. މުރުސީއާ އިދިކޮޅު އިހްތިޖާޖްތަކާއި މުޒާހަރާތައް ލީޑް ކޮށްފައި ވަނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކުންނެވެ. މުރުސީގެ ރިޔާސީ އަމުރަކީ މުބާރަކުގެ ދުވަސްވަރު ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހިންގަވާފައިވާ ފަރާތްތައް ޢަދާލަތަށް ޙާޒިރު ކުރުމަށް މަގުފަހިވެގެންދާ ގޮތަށް ނެރެފައިވާ އަމުރެކެވެ. (އަލްޖަޒީރާ)