03 Dec 2012, 09:13
ލ. އަތޮޅުގެ ބަޔަކު ރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީ އަށް ސޮއި ކޮށްފައި ވަނީ ލ. ގަން، މައިބާދޫ، އަދި ދަނބިދޫގެ 60 މީހެކެވެ.
އެ އަތޮޅު ބަޔަކު އެ ޕާޓީ އަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީޙުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ މިދުވަސް ވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދުވަސްވަރެއް ކަމަށާއި އަދި އެއްބަޔަކު އަނެއް ބައެއްގެ މެދުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ ދުވަސް ވަރެއް ކަމަށެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީ އަކީ އެއްވެސް ބަޔަކާ ޖެހިގެން އުޅެން ބޭނުންވާ ޕާޓީއެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީގެ ވިސްނުމަކީ އެންމެންނާ ގުޅިގެން ގައުމުގެ ކަންތައްތައް ހަމަމަގަށް އެޅުވަން މަސައްކަތް ކުރުން ކަމަށެވެ.
"ޖުމްހޫރީ ޕާޓީ އަކީ ވަކި ބަޔަކާ ދިމާކޮށްގެން މަސއްކަތް ކުރާ ބައެއް ނޫން. އަޅުގަނޑުމެންގެ މިއޮތް ފިކުރަކީ މި އޮތް ހިޔާލަކީ މީހުންނާ ދިމާނުކޮށް ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނެސްދިނުން. އަދި ގައުމުގެ އިގްތިސާދީ އިޖްތިމާއީ ކަންކަން ހަމަމަގަށް ގެނައުން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުން އިވެމުންދަނީ ދެ އަޑެއް ކަމަށާއި އެކަމާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ސިޔާސީ ޕާޓީއަކާ ގުޅޭ އިރު ވަރަށް ވިސްނުމަށް ފަހު ސިޔާސީ ޕާޓީއަކާ ގުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
އަދި ގާސިމް ވިދާޅުވީ ސިޔާސީ މަސްރަހު ކިތަންމެ ހަލަބޮލިވި ކަމުގައި ވިޔަސް ކަންކަމުގައި ގެންގުޅެން ޖެހޭނީ މެދުމިނުގެ ސިޔާސަތެއް ކަމަށާއި އަދި އެ ޕާޓީއަކީ ދެމިނުގެ ސިޔާސަތަށް ތާއިދު ކުރާ ޕާޓީއެއް ކަމަށެވެ.