03 Dec 2012, 02:51
ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މިއަދު ލަންކާއާއެކު ކުޅޭ މެޗަކީ މުބާރާތުގެ އެންމެ މުހިންމު މެޗު ކަމަށް ކޯޗު އިސްޓަވާން އުރުބާނީ ބުނެފި އެވެ.
ހަންގޭރީގެ ކޯޗު ބުނީ ފައިނަލް މެޗަކީ މުބާރާތުގެ އެންމެ މުހިންމު މެޗަށްވާނީ ފައިނަލަށް ދިއުމުން ކަމަށާއި ލަންކާ މެޗު މުހިންމުވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"ފުރަތަމަ ކަމަކީ ލަންކާއަކީ ރާއްޖޭގެ އެންމެ ބޮޑު ވާދެވެރިޔާ އަށްވުން. ދެ ވަނަ ކަމަކީ އަހަރުމެންނަކީ ލަންކާ އަށްވުރެ މޮޅު ބައެއް. ތިން ވަނަ ކަމަކީ ޔޫތު ލެވެލްގައި ލަންކާ ބަލިކުރުމަކީ މިކުދިންނަށް ލިބޭނެ ވަރަށް ބޮޑު އިތުބާރަކަށްވާތީވެ،" ކޯޗު ބުންޏެވެ.
ގައުމީ ޓީމާއެކު ވެސް އެތައް މުބާރާތެއްގައި ވާދަ ކުރި ކޯޗު ބުނީ ކުޅުންތެރިންނާ މެދ ޔަގީންކަން އެބައޮތް ކަމަށާއި ދިވެހި ޓީމުގައި ތަޖުރިބާކާރ ކުޅުންތެރިންތަކެއް ތިބުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.
"އަދުހަމް، ރިލޭ، ސަމްދޫހް، އިރުފާން، ކީޕަރު ޝަރުހާން ފަދަ ކުޅުންތެރިންނަކީ ލީގުގައި ފުލްކޮށް ކުޅުނު ކުޅުންތެރިން. އެހެންވީމަ އަހަރުމެންގެ ޓީމުގެ ސްޓެރެންތް އެބަހުރި. އަހަރެން އުއްމީދު ކުރަން ކާމިޔާބުވާނެ ކަމަށް،" ކޯޗު ބުންޏެވެ.
މާދަމާއިން ފެށިގެން މި މަހުގެ ނުވަޔަކަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ކުޅެނީ ޕާކިސްތާނާއި ބަނގްލަދޭޝް އެވެ. ރާއްޖޭގެ މެޗު ފަށާނީ މިއަދު މެންދުރު 1:30ގަ އެވެ.