02 Dec 2012, 23:34
ސާޅީސް ގަތް ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލުގެ ޖާގައެއް ހިންނަވަރު ހިރިޔާ ކަށަވަރު ކޮށްފި އެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި މާލޭ ކުޅިވަރު އެކުވެނީގެ ދަނޑުގައި އިއްޔެ އާއި އޭގެ ކުރީ ދުވަހު އެމްއެސް ސްޕޯޓްސް އެކަޑެމީ އާއި ދެކޮޅަށް ކުޅުނު ވާދަވެރި މެޗް ހިރިޔާ ކާމިޔާބު ކުރީ ނުވަ ވިކެޓުން ނެވެ.
ޓޮސް ދިމާވުމުން އެމްއެސް ކުޅެން އަރައި ފުރަތަމަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 95 ލަނޑެވެ. އަދި ދެވަނަ އިނިންގްސްގައި 233 ލަނޑު ހަދާފައިވެ އެވެ. ހިރިޔާ ކުޅެން އަރައި ފުރަތަމަ އިނިންގްސް ގައި 263 ލަނޑު ހަދާފައިވާ އިރު ދެވަނަ އިނިންގްސް ގައި މެޗު ކާމިޔާބު ކުރުމަށް ހިރިޔާ ބޭނުން ވަނީ 85 ލަނޑެވެ. މިގޮތުން ހިރިޔާ މެޗް ކާމިޔާބު ކުރީ 14 އޯވަރުގެ ތެރޭގައި 87 ލަނޑު ހަދައިގެން ނެވެ.
މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިޔާ ޓީމުގެ މިހުސާން ހާމިދު އެވެ. އަދި ހިރިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 93 ލަނޑު ހެދި މިހުސާން ހާމިދު އާއި 73 ލަނޑު ހެދި އަހްމަދު އުމަރު އެވެ. އެމްއެސް އެކަޑެމީ އިން އެންމެ ރަނގަޅަށް ކުޅުނީ 85 ލަނޑު ހެދި އަހްމަދު އަފްޒަލް އާއި 51 ލަނޑު ހެދި އިސްމާއީލް އަލީ އެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މިމަހު ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު އެވެ. މި މެޗުގައި ބައްދަލު ކުރާނީ އެމްއެސް ސްޕޯޓްސް އެކަޑެމީ އާއި މާލޭ ސްޕޯޓްސް ކުލަބެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30 ގައެވެ.