ޕާޓީ ތެރޭގައި މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ޕާޓީ ބަދަލުކުރުމުގެ ވިސްނުން ގެންގުޅުމަކީ ހައްލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ޕާޓީއަކަށް ބަދަލުވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އަނިޔާ ވެރިންގެ ހަމަލާއެއްގައި ގަތުލުކޮށްލި އަފްރާޝީމް އަލީ ކުރިން ފުރުއްވި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެމްޑީޕީ ބަލިކޮށް ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަދި އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީން މިއަދު މާލެ ވަޑައިގެން މީޑިއާ އަށް ދެެއްވި އިންޓަވިއުގައި ވިދާޅުވީ ޕާޓީ ތެރޭގައި މައްސަލައެއް އުޅޭ ނަމަ އެ ޕާޓީއެއްގެ ތެރެއިން އެ މައްސަލައެއް ހައްލު ކުރުންމަތީ ދެމިހުރުމަކީ ރަނގަޅު ގޮތް ކަމުގައި ގަބޫލު ކުރައްްވާ ކަމަށެވެ.

"ޕާޓީ ތެރޭގައި މައްސަލަ ޖެހުނީމާ ޕާޓީ ތެރޭގައި ހުރެގެން އެ މައްސަލަ ހައްކުކުރުން ރަނގަޅުވާނީ. އެއީ ރަނގަޅުގޮތް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" އަމީން ވިދާޅުވި އެވެ.

ޕީޕީއެމް އިން އެ ގޮނޑި ދިފާއު ކުރީ ހަމްދަރުދީގެ ވޯޓަކުން ކަމަށް ދައްކާ ވާހަކަ އަށް ވެސް އަމީން ވަނީ ޖަވާބު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ ވެސް އެއް ސަބަބު ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ޕީޕީއެމްއަކީ އެންމެ ބޮޑު ޕާޓީކަމަށް ވުމަކީ ވަރަށް ބޮޑު ސަބަބެއް ކަމަށެވެ. އަދި ވިދާޅުވީ "ބޭބެގެ" ގޮނޑިއަކީ ހުސްވި ގޮނޑިއެއް ނޫން ކަމަށާއި އެ ގޮނޑިއަކީ ބަޔަކު ރާވައިގެން ހުސްކޮށްލި ގޮނޑިއެއް ކަމަށެވެ.

"އަހަރެން ހޮވުނީ ހަމްދަރުދީގެ ވޯޓަކުން ކަމަށް ވެސް ފަހަރެއްގައި ވެދާނެ. އޭގައި ވަރަށް ގިނަ ސަބަބު ހުންނާނެ. ޕީޕީއެމް އަކީ އެންމެ ބޮޑު ޕާޓީ އަށްވުމަކީ ވެސް ސަބަބެއް ކަމަށް ވެދާނެ. އަސްލު ބޭބެގެ ގޮނޑިއަކީ ހުސްވި ގޮނޑިއެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. އެ ގޮނޑިއަކީ ރާވައިގެން ހުސްކޮށްލި ގޮނޑިއެއް،" އޭނާ ވިދާޅުވި އެވެ.

އަމީންގެ ކާމިޔާބީއާ އެކު މިއަދު މާލެ ވަޑައިގެން ފުތަރަ މީޑިއާއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަަމުން ޕާޓީ ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަމަކީ ކޮބައިތޯ ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އެކަން ކުރުމަކީ ވަރަށް އެކަށީގެންނުވާ ކަމެއް ކަމެއް ކަމަށެވެ.