02 Dec 2012, 23:01
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހއ. ދިއްދޫ އޯޓަމްވާދީ އަލީ ހާޝިމް (ސްމިތް) ކޯޓަށް ހާޒިރުނުކޮށް ފުލުހުން އޭނާ މިރޭ ދޫކޮށްލައިފި އެވެ.
ސުމިތްގެ ދިފާއީ ވަކީލު އަބްދުﷲ ހަސީން މިރޭ ވިދާޅުވީ އޭނާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިރޭ ކޯޓަށް ހާޒިރުކުރަން އޮތް ނަމަވެސް ކޯޓަށް ހާޒިރުކުރުމެއްނެތި ކަމަށެވެ.
ފުލުހުން މިރޭ ސްމިތު މިނިވަން ކުރިއިރު އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މަރިޔަމް ނާއިފާ ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ.
ފުލުހުން ކުރިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސުމިތާއި ނާއިފާ ދޫކޮށްލުމުން އެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ވަނީ ޖުމްލަ ހަތަރު މީހުންނެވެ.
ސަން އޮންލައިންއަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަސަން ހުމާމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން މިރޭ ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ހުމާމުގެ ދިފާއީ ވަކީލެއް ނެތުމުން އޭނާގެ ބަންދާ މެދު ކޯޓުން ނިންމިގޮތެއް އަދި އެނގިފައެއްނުވެ އެވެ.
ފުލުހުން ކުރިން ބުނެފައިވަނީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ހަމަޖެހިފައި ވަނީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ނިމުމުން ކަމަށެވެ.
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ އަފްރާޝީމްގެ ގާތިލުން މިހާރު ހޯދިއްޖެ ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތު ފުލުހުން ހާމަކުރާނެ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ފުލުހުން ބުނެފައި ވަނީ ޑރ. އަފްރާސީމް އަވަހާރަކޮށްލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އެއީ ވަރަށް ތަފާތު ބޮޑު ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.
އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލާއާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައި އޮއްވައި ފެނިފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ދޮރުމަތިންނެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.