02 Dec 2012, 22:32
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކުރެއްވުމަށް ބާއްވާ "ޕާޓްނެރިން ފޯ ޑިވެލޮޕްމެންޓް" ފޯރަމް މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ފަރާތްތަކުން އުފައްދާ ޕްރޮޑަކްޓަށް މާކެޓްނުލިބުން ކަމަށާއި މިއަދު ބޭއްވި ފޯރަމްއަކީ ރިސޯޓްތަކާއި ސަރުކާރުގެ ފަރާތްތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް ދިމާވާ ދަތިކަން ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
"އުފެއްދުންތައް މާކެޓަށް ނެރެވޭނެ އެންމެ ފަސޭހަ ގޮތްތަކެއް ބަލައި އަދި ރިސޯޓްތަކުން އެއުފެއްދުންތައް ގަތުމުގައި ނުވަތަ އުފެއްދުންތައް ބޭނުން ކުރުމުގައި ހުރި ގޮން ޖެހުންތަކަކީ ކޮބައިކަން ދެނެގަނެ އެއްފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގެއް ހޯދުމަށް ޓަކައި ބޭއްވޭ ފޯރުމެއްމިއީ،" އަމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ މީގެ ކުރިން ބޭއްވި ފޯރަމްތަކަކީ ވެސް ވަރަށް ކާމިޔާބު ފޯރަމްތަކެއް ކަމަށެވެ.
އެ ފޯރަމްގައި މާލެ އަތޮޅުގެ ގިނަ ރިސޯޓްތަކާއި ކުދި ވިޔަފާރިތައް ކުރާ ގިނަ ފަރާތްތަކުގެ އިތުރުން އެކިއެކި ކޯޕަރޭޝަންތަކުން ޖުމުލަ 70 ފަރާތަކުން ބައިވެރިވި އިރު އެ ފޯރަމްގައި ފަންނީ މައުލޫމާތުތައް ދިނުމާއި ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހުށައެޅުމުގެ އިތުރުން ރިސޯޓްތަކުން ތަކެތި ގަންނަ އިރު ދިމާވާ މައްސަލަތައް ވެސް ހުށައަޅައި މަޝްވަރާކޮށްފައިވެ އެވެ.
އެފޯރަމްގައި ބައިވެރިވި ހއ. ބާރަށު ކޯޕަރޭޝަން ސޮސައިޓީގެ މެނޭޖާ އަނީސް ހިލްމީ ސަންއާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ކޯޕަރޭޝަނުން ކުކުޅު ބިސް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މަހަކު 8000 ކުކުޅު ބިސް އުފައްދާ ކަމަށެވެ. އަދި ވިދާޅުވީ ފައިދާގެ ގޮތުގައި މާބޮޑު އެއްޗެއް ނުލިބޭ ކަމަށާއި މައިގަނޑު މައްސަލައަކަށް ދިމާވެފައި ވަނީ އެކަމަށް ބޭނުންވާ ސާމާނު ބޭރުން ގެންނަން ޖެހުމުން ކަމަށާއި އެތަކެތި ރާއްޖެ އިން ލިބޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދުގެ ފޯރަމްގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ސެޓްފިކެޓް ވެސް ދީފަ އެވެ. އެގޮތުން ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަކީ ބީޗް ހައުސް އިރުވެލި އާއި ޕެރަޑައިސް ރިސޯޓްގެ އިތުރުން ރޮބިން ކުލަބް ފަރު އާއި ރެސިޑެންސް މޯލްޑީވްސް އެވެ. އަދި މީގެ އިތުރުން ސީގަލް ގްރޫޕް އަށާއި ސަންގްރިލާ ވިލެޖުގެ އިތުރުން އަންގްސާނާ ވެލަވަރަށް ވެސް ވަނީ ސެޓްފިކެޓް ލިބިފަ އެވެ.
"ޕާޓްނެރިން ފޯ ޑިވެލޮޕްމެންޓް" ފޯރަމްއަކީ ޔޫއެންޑީޕީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ބާއްވާ ފޯރަމެކެވެ. މި މިފޯރަމް ބޭއްވި މިއީ ހަތަރު ވަނަ ފަހަރެވެ.