އެމްއެންބީސީގެ މައްޗަށް ދައުވާ ނުކޮށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާ ލިބޭ ގޮތަށް މައްސަލަ ކުރިޔަށް ގެންދެވެން ނެތް ކަމަށް މަދަނީ ކޯޓުން ހުކުމް ކޮށްފި އެވެ.


މިއަދު ހަވީރު މަދަނީ ކޯޓުގެ ގާޒީ ހާތިފު ހިލްމީ އިއްވެވި ހުކުމުގައި ބުނަނީ މި މައްސަލައަކީ އެމްއެންބީސީގެ އަމިއްލަ ނަމުގައި އެ ކުންފުނީގެ މައްޗަށް ދައުވާ ލިބި އެ ކުންފުނީގެ ފަރާތުން ޖާވާބެއް ދިނުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ މައްސަލައެއް ކަމަށެވެ. އެމްއެންބީސީ އަށް މި ދައުވާ ރައްދު ނުކޮށް އެންމެ ފުރަތަމަ މަރުހަލާގައި ވެސް އެ ކުންފުނީގެ މެންބަރުންގެ މައްޗަށް ދައުވާ ރައްދުވާ ގޮތަށް މި މައްސަލަ ކުރިޔަށް ގެންދިއުމަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ކުންފުނި އުފެއްދުމުގެ މަގުސަދާއި ކުންފުނީގެ މެންބަރުންނަށް ލިބިދޭ ރައްކާތެރިކަމާއި ގާނޫނުގެ ދަށުން އުފައްދާ ކުންފުނިތަކަށް ލިބިދޭ އަމިއްލަ ގާނޫނީ ޝަހުސިއްޔަތު ގެއްލިގެންދާނެ ކަމަކަށް ވާތީ މި މައްސަލައިގައި އެމްއެންބީސީގެ މައްޗަށް ދަވާ ނުކޮށް އެމްބީސީ އިން ފިނޭންސަށް ދައުވާ ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށެވެ.


ޓީވީމޯލްޑިސް އާއި އެ ދެ ތަނުގެ މުވައްޒަފުންނާއި މުދަލާއި ފައިސާ އެމްބީސީއާ ހަވާލު ކުރުމަށް  ފިނޭންސް މިނިސްޓްރީ އަށް ދައުވާ ލިބޭ ގޮތަށް އެމްބީސީ އިން ކުރި ދައުވާގެ ހުކުމުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނުވަތަ ގާނޫނެއްގެ ދަށުން އުފައްދާ ކުންފުނިތަކަކީ ހަމައެކަނި ދިވެހި ސަރުކާރުގެ ފަރާތްތަކެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވީ ނަމަވެސް އެފަދަ ކުންފުނިތަކަކީ އެހެން ކުންފުނިތަކަކޭ އެއްފަދައިން އެ ކުންފުނީގެ މެންބަރުންނާއި ކުންފުންޏާ ވަކިވެގެން އޮންނަ  ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމުގައި ކުންފުންޏާ ބެހޭ ގާނޫން އެނގެން އޮންނާތީ 22 ޑިސެންބަރު 2008 ގައި ރައީސްގެ ގަރާރަކުން އުފެއްދި އެމްއެންބީސީ އަކީ ކުންފުނިތަކާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އެއީ  ކުންންފުނާ ބެހޭ ގާނޫނުގެ 97 އާއި 98 ވަނަ މާއްދާގައި ބުނާ ޝަހުސިއްޔަތު  ލިބިފައިވާ ކުންފުންޏެއް ކަމަށެވެ.


ހުކުމުގައި ބުނަނީ އެމްއެންބީސީއަކީ އަމިއްލަ ޝަހުސެއް ނަމަވެސް އެ ޝަހުސިއްޔަތު ގާނޫނާ ހިލާފު ކަމެއް ކުރުމަށް ބޭނުންކޮށްފި ނަމަ  ނުވަތަ މަކަރާއި ހީލަތް ހެދުމަށް ބޭނުންކޮށްފި ނަމަ  ކުންފުނީގެ ޝަހުސިއްޔަތު ކުންފުންޏަށް ދަރަނި ދޫކޮށްލާފައިވާ ފަރާތްތަކަށާއި ކުންފުނިން ވިޔަފާރި ކުރަމުންދާ ފަރާތްތަކާ އެކު އޮޅުވާލުމުގެ ނިޔަތުގައި  ބޭނުންކޮށްފި ހާލަތެއްގައި ޝަހުސިއްޔަތުގެ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ހިފަމުން ދިޔަ ކުންފުނީގެ ޑިރެކްޓަރުން ކުންފުނީގެ ނަމުގައި ކުރިކަންތައްތަކާއި ޒިންމާ އުފުލުމަށް އަމުރުކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭ ކަމަށެވެ.  ނަމަވެސް އެމްއެންބީސީ އުފައްދާފައި ވަނީ 22 ޑިސެމްބަރު 2008 ގައި ކަމަށްވުމުން އެމްބީސީ ގާއިމު ކުރުމުގެ ގާނޫނު ގެޒެޓްގައި ޝާއިއުކޮށް އެ ގާނޫނަށް އަމަލު ކުރަން  ފެށިފައި ވަނީ 02 އޭޕްރީލް 2010ގައި ކަމަށްވާތީ އެމްއެންބީސީ އުފެއްދުމުގެ ބޭނުމަކީ ގާނޫނާ ހިލާފަށް ކުރުން ކަމަށް ބެލެވެން ނެތުމުން  އެންއެންބީސީއަށް ލިބިގެންވާ  ގާނޫނީ ޝަހުސިއްޔަތު ކުންފުންޏާ ބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން އުފުލަން ނުޖެހޭނެ ކަމަށެވެ.


-------------


ދައުލަތުގެ މީޑިއާ ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން [އެމްބީސީ] އިން ކުރާ ދައުވާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން [އެމްއެންބީސީ]ގެ މައްޗަށް ދައުވާ ނުކޮށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް މިއަދު މަދަނީ ކޯޓުން ހުކުމްކޮށްފި އެވެ. (އިތުރު ތަފުސީލް އަންނަނީ)