Last Updated: 1 decade 3 year ago
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 8:25 އެހާކަންހާއިރު ހިނގި އެހާދިސާގައި އެކްސިޑެންޓްވެފައިވަނީ މާލެ ދަތުރުކުރި ލޯންޗަކާއި ބަޑޮހަށް ދަތުކުރި ލޯންޗެއް ޖެހިގެން ކަމަށެވެ. އަދި މަރުވެފައިވަނީ ބަނޑޮހު ލޯންޗުގައި ހުރި ޓޫރިސްޓެއް ކަމަށާއި އެއީ ފިރިހެނެއް ކަމަށްވެސް ވިދާޅުވި އެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ވަނީ ސާފުވާގޮތެއްނުވެ އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ މަރުވި މީހާ ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި ނަމަވެސް އެހެން އެންމެންނަށް ފަރުވާދެމުން އަންނަނީ އޭޑީކޭގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ދެ ލޯންޗްގައި ތިބި މީހުންނަށް ވަރަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި ބައެއް މީހުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަމަށެވެ. ނަމަވެސް ތަފްސީލު މައުލޫމާތު ޗެކްކުރުމަށްފަހު ފަހުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ލޯންޗްގެ ތެރެއިން އެއްލޯންޗް ނުފެނިގެން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއަށް ދަތުރުކުރި ލޯންޗަކާއި ބަނޑޮސް ލޯންޗެއް ޖެހިގެން ކަމަށެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިރޭ ހިނގި އެހާދިސާގައި މަރުވެފައިވަނީ ބަނޑޮހު ލޯންޗުގައި ހުރި ޓޫރިސްޓެއް ކަމަށާއި އެއީ ފިންލޭންޑުގެ ފިރިހެނެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަރުވި އެ މީހާ އެކްސިޑެންޓު ހިނގި ވަގުތު މޫދަށް ވެއްޓުނު ކަމަށާއި އޭނާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މަރުވި މީހާ ފިޔަވައި އެ ހާދިސާގައި އަނިޔާވި އެންމެން ގެނެސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެ ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ހަތަރު ފިރިހެނަކު ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާއާލް މިރޭ ވިދާޅުވީ އެހާދިސާގައި އަނިޔާވެގެން ގެނައި އަށް މީހުންގެ ތެރެއިން ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އަނެއް މީހާގެ ދަތްދޮޅީގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
ސަންގެ ނޫސްވެރިން އޭޑީކޭއަށްދިޔަ އިރު އެހަދިސާގައި ގެއްލުންވި ބައެއް މީހުންވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ. އޭގެތެރޭގައި ކުދި އަނިޔާތަށް ލިބިފައިވާމީހުންނާއި ބޮޑެތި އަނިޔާތެއް ލިބިފައިވާމީހުން ހިމެނެ އެވެ. އެގޮތުން އަތް ބިދިފައިވާ ދެ ފިރިހެނުންނާއި ބޮލަށް ބޮޑު ގެއްލުމެއް ލިބިފައިވާ ފިރިހެނަކާއި ނިތްކުރި ފަޅައިގެން ގޮސްފައިވާ ދެ އަންހެނުން ހިމެނެއެވެ.
ފުލުހުންބުނީ ހުޅުމާލެ އެކްސްޕްރެސް ލޯންޗުގައި ދަތުރުކޮށްފައިވަނީ 3 ފަޅުވެރިންނާ އެކު 19 ފަސިންޖަރުން ކަމަށާއި، ބަނޑޮސް ލޯންޗް ކަމަށްވާ އޯކިޑް-13 ލޯންޗުން ދަތުރުކުރީ 3 ފަޅުވެރިންނާ އެކު ޖުލްލަ ފަސް ފަސިންޖަރުންނާ އެކު އެވެ.