ށ. ފަރުކޮޅުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމައި އެ ރަށަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް މިއަދު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ފަރުކޮޅުގައި އެއާޕޯޓެއް ހެދުމަށް ނިންމީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކަމަށާއި މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ރަށަށް ފައިނޭންސް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމީ އެ އަތޮޅުގައި އިތުރު ޓޫރިސްޓު ރިސޯޓްތަކެއް ތަރައްގީ ކުރުމަށް ވިސްނަމުން އަންނާތީ އެކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރުގެ މައްސަލަކަމަށް ވުމުން އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިހާރު ވެސް އެ އަތޮޅުގައި ހުރި ރިސޯޓްތައް އިތުރަށް ޑިވަލޮޕްކޮށް ރަނގަޅު ނަފާއެއް ހޯދޭނީ ދަތުރުފަތުރު ކުރުމުގެ ފަސޭހަގޮތެއް ހޯދައިގެން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އިތުރުއެ އެނދު ށ. އަތޮޅަށް ގެންދިޔުން މީގެ އަމާޒަކީ. އެ އަތޮޅުގައި އިތުރަށް ޓޫރިޒަމް ޑިވަލޮޕްކުރުން. އެ ސަރަހައްދުގައި ޓޫރިޒަމް ޑިވަލޮޕްކުރުމަށް އޮތް ހުރަހަކީ ދަތުރުފަތުރުގެ މައްސަލަ. އަޅުގަނޑު މި ބަލަނީ ދަތުރުފަތުރުގެ މައްސަލަ ހައްލުކޮށްގެން އެކަމަށް ހައްލެއް ހޯދޭނެ ކަމަށް،" އަދީބު ވިދާޅުވި އެވެ.

މި އަހަރު ތެރޭގައި މުޅިން އާ ދެ އެއާޕޯޓެއް ވަނީ ހުޅުވައިފަ އެވެ. އެއީ ގއ. ކޫއްޑޫގައި ސިންގަޕޫރުގެ ބޮނަވިސްޓާއިން ހެދި އެއާޕޯޓް ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވައިފަ އެވެ. އަދި ކޯސްޓްލައިން އިން ބ. ދަރަވަންދޫގައި ހެދި އެއާޕޯޓް ވެސް އޮކްޓޯމްބަރު މަހުގެ ތެރޭގައި ވަނީ ހުޅުވައިފަ އެވެ.