މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ ސ. މަރަދޫ "ހިތްވަރު" ބޯޓު ހޯދުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމަށް އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ މީގެ ކުރިން ވެސް ދިމާވެފައިވާ މިފަދަ ހާދިސާތަކުގައި އިންޑިއާ އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން "ހިތްވަރު" ބޯޓު ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ވެސް އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރީގައި މިކަހަލަ އޮޕަރޭޝަންތަކުގައި ވެސް އިންޑިއާގެ އެހީތެރިން ވަރަށް ބޮޑަށް ލިބިފައި ވަނީ. އެހެންވީމާ މިފަހަރު ވެސް އިންޑިއާގެ އެހީތެރިކަމަށް އެދިގެން މިއުޅެނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް މިބަލަނީ. އެއިރުން އިތުރަށް ފުޅާކޮށް މި އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ބޯޓުން ދަތުރު ކޮށްފައި ވަނީ ތިން ބިދޭސީ މީހަކާއި ދިވެހި ފަސް މީހެއްގެ އިތުރަށް 11 އަހަރުގެ ކުޑަ ކުއްޖަކާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެޕްޓަން އަހުމަދު މުޖުތަބާ ވިދާޅުވީ ރާއްޖެ އާއި އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ އާއި އިންޑިއާ ސީޝެލްސް އަދި މޮރިޝަސްގެ މެރިޓައިމްސް ރެސްކިއު ކޯޓިނޭޓަރު ސެންޓަރުތަކާ ކޯޑިނޭޓްކޮށް އެ ގައުމާ ކައިރި ސަރަހައްދުތަކުން ދަތުރު ކުރާ ބޯޓުތަކާ ބެހޭ މައުލޫމާތު އެމްއެންޑީއެފާއި ހިއްސާ ކުރުމަށް ވެސް އެ ގައުމުތަކުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ އެހީގައި އިއްޔެ ފަށާފައިވާ އިރު މޯލްޑިވިއަންގެ ފްލައިޓެއް ކުއްޔަށް ހިފައިގެން ބޯޓު ހޯދުމުގެ އިތުރު މަސައްކަތްތަކެއް މިއަދު ވެސް ކޮށްފައިވާ ކަމަށެވެ.

ބޯޓާއި އެންމެ ފަހުން ގުޅިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި ކަމަށް ވެރިފަރާތުން ބުނުމާ ގުޅިގެން ދިރާގު މެދުވެރިކޮށް ބޯޓުގައި ތިބި މީހުން އެންމެ ފަހުން ފޯންކޮށްފައި އޮތް ސަރަހައްދު ވެސް ބަލާފައިވާ ކަމަށާއި އެގޮތުން އެންމެ ފަހުން ބޯޓާއި ގުޅިފައި ވަނީ ލ. މާވަށުގެ ހުޅަނގުން ދިހަ ވަރަކަށް މޭލު ގައި އޮއްވާކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

"އެންމެ ފަހުން އުޅަނދާއި ގުޅުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00 ހާއިރު ކަމަށާއި އޭގެ ފަހުން އުޅަނދާއި ނުގުޅޭކަމަށް ވެރިފަރާތުން މައުލޫމާތު ލިބުމާ ގުޅިގެން އަޅުގަނޑުމެން ދިރާގު މެދުވެރިކޮށް މިބެލީ ފޯންކޯލް ކޮށްފައި އޮތީ ކޮން ސަރަހައްދަކުންތޯ. އެގޮތުން އަޅުގަނޑުމެން ބެލިބެލުމުން ލ. މާވަށުގެ ހުޅަނގުން ގާގްގަނޑަކަށް ދިހަ ވަރަކަށް މޭލުގައި އުޅަނދު އޮތްކަމަށް ދިރާގުން އަޅުގަނޑުމެން ފިކްސް ނެގިއިރު ދައްކަނީ. އޭގެ ފަހުން އަޅުގަނޑުމެންނަށް އަދި މިހާތަނަށް މި އުޅަނދާއި ނުގުޅޭ. އޭގެފަހުން އެ ބޯޓުގައި ހުރި ހުރިހާ ފޯންނަންބަރުތަށް ހޯދައިގެން ގުޅޭތޯ މިބަލަނީ. އެކަމަކު އަދި އެކަން ކަމިޔާބުވާގޮތެއް ނުވޭ،" މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓުގެ ޚަބަރެއް ނުވެގެން އެންމެ ފުރަތަމަ މައުލޫމާތު ލިބުމާ ގުޅިގެން ލ. އަތޮޅާއި ގދ. އަތޮޅުގައި އޮންނަ ހާބާ ކްރާފްޓް މެދުވެރިކޮށް އެ ބޯޓު ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ހާބަ ކްރާފްޓް ތިން އުޅަނދެން ބައިވެރިވާއިރު ކޯސްޓްގާޑް ޝިފް ހުރަވީ ވެސް މިހާރު އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންގެންދާނެ ކަމަށާއި ބޯޓު ފެންނާނެ ކަމުގެ އުންމީދު އަދި ނުގެއްލޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބެލެވޭ ގޮތުގައި ބޯޓު އޮންނާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފަ އެވެ.