02 Dec 2012, 16:41
ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލި މައްސަލައިގައި އިންޑިޔާގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ކުށްވެރިވާ ފަރާތަކީ ދިވެހިރާއްޖެ އެވެ. ގެއްލުން ލިބުނު ފަރާތަކީ ޖީއެމްއާރު ކަމުގަ އެވެ. އެކަމަކު މި ވާހަކައިގެ އެހެންފަރާތެއް އޮވެދާނެބާވަ އެވެ؟ އެ އެއްބަސްވުމަކީ ފައިދާ ބަހާ ގޮތަށް ހެދިފައި އޮތް އެއްބަސްވުމެކެވެ. (2014 އާ ޖެހެންދެން އެކެއް އިންސައްތަ، އެއަށް ފަހު 10 އިންސައްތަ؛ އަދި އެއާ އެކު ތެލުން ނަގާ ޗާޖުން ލިބޭ ފައިދާ އިން 15 އިންސައްތަ އަދި 27 އިންސައްތަ އެވެ.) ކޮންޓްރެކްޓް ބުނާ ގޮތުން ނަމަ ޖީއެމްއާރަށް އެއާޕޯޓް ތަރައްޤީކުރުމަށް ޗާޖެއް ނެގިދާނެ އެވެ. (ދިއްލީ އެއާޕޯޓް ބޭނުންކުރާ ފަރާތްތައް މިކަންތައް ދަންނާނެ އެވެ.) އެއާޕޯޓް ތަރައްޤީކުރުމަށް ނެގޭ ޗާޖުގެ މައްސަލަ މާލޭގެ ކޯޓަށް ހުށެހެޅުނެވެ. އަދި އެއަޕޯޓް ތަރައްޤީ ކުރުމަށް ނެގޭ ޗާޖު ނުނެގޭނެ ކަމަށް 2011 ވަނަ ކޯޓުން ހުކުމްކުރި އެވެ. އެއަށް ފަހު އެ ތެލުން ނަގަން ކަނޑައެޅިފައި އޮތް ޗާޖު ޖީއެމްއާރުން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ އަދަދުން ކެނޑޭ ގޮތަށް ހަމަޖެއްސި އެވެ. މީގެ ނަތީޖާއަކީ ކޮބައިކަން ސާފުވާންފެށީ 2012 ވަނަ އަހަރު ފުރަތަމަ- ތިން މަހުގައި އެއަޕޯޓު ހިންގުމުގެ ފައިދާގެ ތެރެއިން ރާއްޖެ އަށް ލިބެންވާ 8.7 މިލިއަން ޑޮލަރު 0.5 މިލިއަން ޑޮލަރަށް ކުޑަވެގެން ދިއުމުންނެވެ. އަދި ދެވަނަ- ތިން މަހުގައި އެއަޕޯޓް ހިންގުމުގެ ފައިދާ އިން ރާއްޖެ އަށް ހިއްސާވާ ބައި ލިބުމުގެ ބަދަލުގައި ރާއްޖެ އިން ޖީއެމްއާރަށް 1.5 މިލިއަން ޑޮލަރު ދައްކަން ބުނުމުންނެވެ. ތިން ވަނަ- ތިން މަހު ރާއްޖެ އިން ޖީއެމްއާރަށް ދައްކަން ޖެހޭ އަދަދު މުޅިއެކު 3.5 މިލިއަން ޑޮލަރަށް އިތުރުވެގެން ދިޔަ އެވެ. އަލަށް ވެރިކަމަށް އައި ސަރުކާރުން ބިރުގަންނަން ފެށީ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް އެއް ބިލިއަން ޑޮލަރުގެ ބަދަލުގައި 25 އަހަރުގެ މުއްދަތަށް (އަދި 10 އަހަރަށް އިތުރުކުރެވޭ ގޮތަށް) ވެފައިވާ އެއްބަސްވުމުގެ ސަބަބުން ދިވެހި ސަރުކާރުން ޖީއެމްއާރަށް ގިނަ އަދަދެއްގެ ފައިސާތަކެއް ދައްކަން ޖެހިދާނެތީ އެވެ. އެންމެފަހުން އެގްރީމަންޓް އުވާލީ އެވެ. ކިޔުންތެރިންނަށް އެންރޮން، ޑަބްހޮލްގެ މައްސަލައާ މި މައްސަލައާ އަޅާކިޔޭނެ އެވެ. އެ މައްސަލައިގައި މަހަރާޝްޓްރާ އޮތީ ދިވެހި ސަރުކާރު އޮތް ހާލަތުގަ އެވެ؛ އެއްކޮޅުން އެ ސްޓޭޓް ބަނގުރޫޓުކޮށްލާ ފަދަ އެއްބަސްވުމެކެވެ. އަނެއްކޮޅުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ އަދަބުތަކަކާ ކުރިމަތިލާންޖެހިދާނެ ފަދަ ހާލަތެކެވެ. އެންމެ ފަހުން އިންޑިއާ އިން އެންރޮން ބޭރުކޮށްލީތީ އިންޑިޔާ ސަރުކާރުން ބޮޑު ބަދަލެއް ދައްކަންޖެހުނެވެ. ދިވެހިރާއްޖެ އަށް ވެސް ކުރިއަށް އޮތްތާންގައި ބޮޑު އަގެއް ދައްކަންޖެހުން އެކަށީގެންވެ އެވެ. އެހެންވީރު އަހަރަމެން ހަމްދަރުދީވާންވީ ކޮންބަޔަކަށްބާވަ އެވެ؟
އެހެން ހާދިސާއަކަށް ބަލައިލަމާތޯ އެވެ. ދެ ހާސް އެގާރަ ވަނަ އަހަރެވެ. ޕަންކަޖް އޮސްވަލް އުޅުނީ ވަރަށް ވެސް މަތީގަ އެވެ. އޮސްޓްރޭލިޔާގެ ހުޅަނގުގައި އޮތް އޭނާގެ ކުންފުނީން ވަމުން ދިޔަ ފައިދާ ވަރަށް ބޮޑެވެ. އޭނާއާއި އޭނާގެ އަންހެނުން އޮސްޓްރޭލިޔާގެ ޕާތު ކައިރިން ވަރަށް އަގުބޮޑު ގެއެއް ގަތެވެ. މިކަމަށް ވަރަށް ގިނަ ނޫސްވެރިންގެ ސަމާލުކަން ވެސް ލިބުނެވެ. މާ ގިނަދުވަސްތަކެއް ނުވެ އެވެ. އޮސްވަލްއާ ދެކޮޅުވެރި ސުރުޚީތައް ފެންނަންފެށި އެވެ. ބާރަޕް ފަރޓީލައިޒާ ނަމަކަށް ކިޔުނު ކުންފުންޏަކުން ސިންގަޕޫރުގެ އަމިއްލަ ކުންފުންޏަކަށް ލާރިތަކެއް ޖަމާކުރެވެމުންދާ ޚަބަރެވެ. އެއަށް ފަހު ބާރަޕް ކުންފުނި ރިސީވަރޝިޕަށް (ޤާނޫނީގޮތުން ކުންފުނީގެ މުދާތަކުގެ ވެރިފަރާތްކަމުގައި އެހެން ވެރިފަރާތެއް ހަމަޖެއްސުން) ދިޔަ އެވެ. މިސްޓާ އޮސްވަލް އާއި އޭނާގެ އަންހެނުން އޮސްޓްރޭލިޔާ އާއި ޕާތު ކައިރިން އަގުބޮޑުކޮށް ގަތް ގެވެސް ދޫކޮށްފައި ފުރައިގެން ދާންޖެހުނެވެ. މިހާރު ދިރިއުޅެނީ ސިންގަޕޫރު ނޫނީ ޑުބާއީގަ އެވެ.
މީގައި ކޮށްލަންޖެހޭ ސުވާލަކީ، އެހެނިހެން ރަށްރަށުގައި ވިޔަފާރިކުރާ އިންޑިއާ މީހުން ގިނަވަމުންދާ އިރު، އަހަރަމެންގެ އަމަލުތައް ހުންނަނީ "ހަޑިކޮށް މުޢާމަލާތްކުރާ އިންޑިއާމީހެއް" ސިފަވާގޮތަށް ބާވަ އެވެ. ލަކްޝްމީ މިޓަލްގެ އާރސެލޮރ މިޓެލް ކުންފުނީގެ ބައެއް ފަރަންސޭސި ސަރުކާރުން ހިއްސާވާބަޔަކަށް ހަދާފާނެ ކަމަށް ދެއްކި ބިރުގައި ބޮޑަށް ހިމެނެނީ ފަރަންސޭސިންގެ ސިޔާސީ މަސްރަހު ބަދަލުވަމުން ދިޔަ އަވަސްކަން ކަމުގައިވުން އެކަށީގެންވެ އެވެ. އެހެންނަމަވެސް މެއި މަހު ބޮލީވިއާ އިން ފައިބަން ޖެހުނު ޖިންޑަލް ސްޓީލް އެންޑް ޕަވަރ (ޖޭއެސްޕީ)ގެ މައްސަލައަށް ބަލައިލަމާތޯ އެވެ. ދެހާސް ހަތް ވަނަ އަހަރު ޖޭއެސްޕީގެ ނަން ސުރުޚީތަކަށް އަރާފައި ވަނީ އެވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދަގަނޑުގެ އޯ މައިން އިން ދަގަނޑު ނެގުމުގެ ހުއްދަ ލިބި، ބޮލީވިޔާގައި ސްޓީލް އުފައްދާ ކާރުޚާނާއެއް އެޅުމަށް ބޮލީވިޔާ ސަރުކާރާ ޖޭއެސްޕީއާ ދެމެދު އެއްބަސްވެވުމުންނެވެ. ދެން ފެނުނީ ކޯޓުގައި ދެބައިމީހުން ތަޅާފޮޅުމަށް ފަހު އޭރު އަލަށް ވެރިކަމަށް އައި ބޮލީވިޔާ ސަރުކާރުން ޖޭއެސްޕީ އިން އިންވެސްޓްކުރަން ވަޢުދުވި ކަންތައްތައް ކޮށްފައި ނުވާ ކަމަށް ތުހުމަތުކުރިތަނެވެ. އަނެއްކޮޅުން އެ ކުންފުނިން ބުނީ ބޮލީވިޔާ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ގުދުރަތީ ގޭހާ ފިއުލް ފޯރުކޮށް ނުދޭ ކަމަށެވެ. ޕްރޮޖެކްޓް ނިމުނީ އެވެ. ސްޓީލް އުފައްދާ ޕްލާންޓެއް ވެސް ނޭޅުނެވެ. ދަގަނޑު އޯމައިނުން ދަގަނޑެއް ވެސް ނުނެގުނެވެ.
ދިވެހިރާއްޖެ އާއި ބޮލީވިޔާގައި ވެސް އެއްބަސްވުން އުވާލުމުގެ ކުރިން ސަރުކާރު ބަދަލުވި އެވެ. ފަރަންސޭސިވިލާތުގައި ވެސް ފްރެންކޮއިސް ހޮލަންޑޭގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުރިން ގެންގުޅެމުން އައި ވިސްނުން ބަދަލުވެފައިވާކަން ފާހަގަ ކުރެވުނެވެ. އިންޑިޔާގެ ތާރީޚުގައި ވެސް ސަރުކާރު ބަދަލުވުމަށް ފަހު ބައެއް ކުންފުނި ބޭރުކޮށްލާފައިވާތަން ފެންނަން އެބަހުއްޓެވެ. ނަވާރަސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރުގައި ޖަނަޓަ ވެރިކަމަށް އައުމަށް ފަހު ކޮކާކޯލާ އާއި އައިބީއެމް އެވެ. ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރުގައި ޝިވް ސެނާ، މަހަރަޝްޓްރާ އާއެއްކޮށް އައި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންރޮން ބޭރުކޮށްލުމެވެ. މިހާރު މިއޮތީ އަނެއް އަތަށް ޖެހިފަ އެވެ. އިންޑިޔާއާ އެހެން ގައުމުތަކުގެ ގުޅުމާ ދޭތެރޭ އެތައް ސުވާލުތަކެއް އުފައްދާ ފަދަ ކަންތައްތަކެކެވެ. (ސަރުކާރުން އެއްވެސް ވިސްނުމަކާ ނުލާ އިންޑިޔާގެ ވިޔަފާރިއާ އެއްކޮޅަށް ޖެހެންވީހެއްޔެވެ؟) އިންޑިޔާގެ ވިޔަފާރިވެރިންނަށް ވެސް އުނދަގޫ ސުވާލުތަކެކެވެ. އަމިއްލަ ގައުމުގައި ވިޔަފާރިކުރާ އިރު ކުންފުނިތަކުން އެކި ފާޑުފާޑުގެ މައްސަލަތަކާ ކުރިމަތިލަ އެވެ. (ކޮލްގެޓްގެ ކަންތައްގަނޑުގައި ޖިންޑަލް، ދިއްލީ އެއާޕޯޓުގެ މައްސަލައިގައި ޖީއެމްއާރެވެ.) އެހެނަސް ވިޔަފާރި ކުރިއަށްދެ އެވެ. އަމިއްލަ ގައުމުން ބޭރުގައި ވިޔަފާރިކުރާ އިރު ވަރަށް ވެސް ތަފާތެވެ. ވިޔަފާރިކުރާ ތަޅުން މާ ފުޅަލެވެ.