02 Dec 2012, 16:30
ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ އާއި ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ޑީއާރުޕީން މިއަދު ނެރުނު ތިން ފޮޅުވަތުގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގަޔާއި މަޖިލީހުން ބޭރުގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ތަސްމީނާއި ގާސިމް ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
"[ގުޅިގެން މަސައްކަތް ކުރުން] ކުރިއަށް ގެންދިއުމުގައި ދެ ޕާޓީގެ ކައުންސިލްގެ ލަފާގެމަތީން ކުރިއަށް ވަޑައިގަތުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ." އެ ނޫސްބަޔާނުގައިވެ އެވެ.
މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވީ ނަމަވެސް އެކަންކަމުގެ ތަފްސީލް އަދި ދެއްވާފައެއްނުވެ އެވެ. ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމް ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް މި ވަގުތު އިތުރު ތަފްސީލް ދެއްވެން ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން މޫސާ ރަމީޒް ވިދާޅުވީ އެފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ޕާޓީ އަށް އަދި އެނގިފައިނުވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމާ މެދު މަޝްވަރާ ކުރަން ފަށާފައިވާ އިރު މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުމާ ގުޅޭ ގޮތުން ވޯޓަށް އެހުން މާދަމާ އޮންނަ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
މަޖިލީހަށް އެމްޑީޕީން މީގެ ކުރިން ވެސް ހުށަހަޅާފައިވާ އެ މައްސަލަގައި ވޯޓު ސިއްރު ކުރަން ފާސްވެފައި ނުވި ނަމަވެސް އެމްޑީޕީއާ އެއްކޮޅަށް ޖުމްހޫރީ ޕާޓީއާ ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވަނީ ވޯޓުދެއްވައިފަ އެވެ.