02 Dec 2012, 16:19
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ގދ. ކޮނޑާނަފުށިން ވަގަށް ގެނި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނުތަކެއް ގއ. ކަނޑުހުޅުދޫން ފުލުހުން ހޯދައިފި އެވެ.
ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކަނޑުހުޅުދޫ ގެތަކެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އެގޮތުން ގެތައް ބަލައި ފާސްކުރަމުންދަނިކޮށް ކޮނޑާނަފުށިން ގެއްލުނު ތަކެތި ކަނޑުހުޅުދޫ ގެއަކުން ފެނުމުން ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އެ ރަށުން މީހަކު ހައްޔަރުކޮށްފަ އެވެ.
ނަމަވެސް ފުލުހުން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮނޑާނަފުށީން ގެއްލުނު ތަކެތި ހޯދުމަށް ކަނޑުހުޅޫގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެގޮތުން އެ ރަށުގެ ދެތިން ގެއެއް ބަލައި ފާސް ކުރަމުންދާ ކަމަށެވެ. އެ މައްސަލާގައި ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ވިދާޅުވީ ކޮނޑާނަފުށިން ވަގަށް ނަގައިގެން ކަނޑުހުޅުދޫ ގެއެއްގެ ތެރޭގައި ފޮނުވާފައި ހުއްޓާ ފެނުނީ ޓީވީ އާއި އައިސަލަމާރި އާއި ދޮންނަމެޝިނާއި ބެޑްރޫމް ސެޓާއި ގޮނޑި އާއި މޭޒެއްގެ އިތުރުން ވަޑާން ކުރާ ސާމާނުތަކެއް ކަމަށެވެ. އަދި އެތަކެއްޗަކީ ކޮނޑާނަފުށިން ގެއްލުނު ތަކެތި ކަމަށާއި އެއެއްޗެހި އެ ރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ރިފާއު ވިދާޅުވި އެވެ.