ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖިސްމާނީ އަނިޔާގެ ބިރުދައްކައި އިންޒާރު ކުރުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނެއް މެދުވެރިކުރައްވާ ޝާހިދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަށް ޖިސްމާނީ އަނިޔާގެ ބިރުދައްކައި އިންޒާރު ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގެ ރޫޙާ ހިލާފް އަދި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލްތަކާއި ހިލާފް ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނެ ގޮތުގެމަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުއްމުގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް ބަޔާންކުރެއެވެ."ޝާހިދުގެ ބާޔާނުގައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކަވާ ވާހަކަފުޅު ތަކަށާއި، ވޯޓު ދެއްވުމުގައި ޢަމަލުކުރައްވާގޮތް ގާނޫނު އަސާސީން ރައްކާތެރި ކޮށްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ ހ ގައި ބުނާ އިމްތިޔާޒު ލިބިދިނުމުގެ މައިގަނޑު ރޫޙަކީ، ރައްޔިތުން ތަމްޞީލުކުރުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ އެއްވެސް މެންބަރަކަށް ބިރުދައްކައި، ނުފޫޒު ފޯރުވާ ހެދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުދިނުން ކަމަށް ޝާހިދު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޝާހިދު ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ޑިމޮކްރެޓް ނިޒާމުތަކުގައި، ރައްޔިތުން ތަމްޞީލުކުރުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރުންނާ ހަމައަށް އެމީހުންގެ ޝުޢޫރުތަކާއި އެމީހުން ބޭނުންވާގޮތްތައް ފޯރުކޮށްދިނުމުގެ ތަހުޒީބީ، ރިވެތި އުސޫލުތަކެއް ހުންނަ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބޭ މެންބަރުންނާއި ހަމައަށް ރައްޔިތުން އެދޭ ގޮތް ފޯރުކޮށް ދިނުމަކީ ޑިމޮކްރެޓިކް ނިޒާމް ތަކުގައި އޮންނަގޮތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުންނަށް ރައްޔިތުންގެ ޝުޢޫރުތައް ފޯރުކޮށްދިނުމުގެ ނަމުގައި މެންބަރުންނަށް ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާކުރުމާއި، ބިރުދެއްކުންފަދަ ޢަމަލުތައް ހިންގުން އެ އުސޫލުތަކުގެ ތެރޭގައި ހިމެނިގެނެއް ނުވާކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސްގެ ބަޔާނެއް ނެރުއްވާފައި މިވަނީ މާދަމާ ބާއްވާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރަން ވޯޓު ދޭ ކޮންމެ މެންބަރަކީ ގައުމުގެ "ހާއިނެއް" ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދު ﷲ ވިދާޅުވެފައިވަނިކޮށެވެ. އަދި އެގޮތަށް ވޯޓުދޭ މެންބަރުންގެ ފަހަތުން ހިނގާނޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީ އާއި ޑީއާރުޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.