02 Dec 2012, 15:19
އަންނަ އަހަރަށް އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ 30 މިލިއަން ރުފިޔާ މަދު ޖުމްލަ 650 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓަކީ 720 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އާސަންދަ އަށް ކަނޑައެޅި ބަޖެޓް 650 މިލިއަނަށް ކުޑަ ކުރީ މިހާރު އެ ހިދުމަތުން ކޯޕޭމަންޓެއް ނަގާތީ އެ ސްކީމަށް ހަރަދުވާނެ އަދަދު ކުޑަވާނެ ކަމަށް ލަފާކޮށްގެން ކަމަށެވެ. އަދި މިއަހަރު ނިމޭއިރު އާސަންދައަށް ހަރަދުވާނެ ކަމަށް ގަބޫލު ކުރެވެނީ 800 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ނިޒާމު މިހާރަށްވުރެވެސް ބޮޑަށް ހަރުދަނާ ކުރަން ވިސްނާފައި އޮތީ. އޭގެ ތެރެއިން އަޅުގަނޑުމެން ކޯޕޭމަންޓާއ އެއްޗިހި ނަގަމުން ގެންދާތީ ބަޖެޓް ކުޑަކޮށްލީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރުގެ ޖެނުއަރީ އެކެއްގައި ތައާރަފްކުރި ޔުނިވާޝަލް ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައަށް 10 މަސް، ފާއިތުވީއިރު އެ ސްކީމަށް ކަނޑައެޅުނު ބަޖެޓުން ބާކީ އޮތީ 45 މިލިއަން ރުފިޔާ އެވެ. އާސަންދައިގެ ބަޖެޓުން އަހަރު ނިމޭއިރު ނުވެދާނޭ ކަމަށް ބުނެ އެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް މަޖިލީހުގެ ތާއީދު އެކަމަށް ނުލިބުމުން އެ އިސްލާހުތައް ގެނެވޭ ގޮތެއްނުވި އެވެ.
އާސަންދަ ނިޒާމް ތައާރަފްކުރީ ކޮންމެ މީހަކަށް 100،000ރ. ގެ ބޭސްފަރުވާ ކުރެވޭނެ ނިޒާމަކާއި އެކު އެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ ޕްރައިވެޓް ކުލިނިކްތަކުން ހިދުމަތް ހޯދާއިރު ހިދުމަތުގެ ވަކި ޕަސެންޓޭޖެއް ކަސްޓަމަރުގެ އަތުން ނެގުމަށެވެ.