ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާއިރު އެ ވޯޓު ސިއްރު ނުކުރުމަށް ގޮވާލާ އިލްތިމާސްގެ ޕެޓިޝަން އެއް ތައްޔާރު ކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން މިއަދު ފަށައިފި އެވެ.

އިތުބާރު ނެތްކަމަށް ނަގާ ވޯޓު ސިއްރު ނުކުރުމަށް އެދި ތައްޔާރުކުރާ ޕެޓިޝަންގައި ސޮއިކުރުން މިއަދު ހަވީރު 4:00 އިން ފެށިގެން އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށް އެ ހަރަކާތުން ބުނެ އެވެ.

ގައުމީ ހަރަކާތުގެ ހިންގާ ކޮމެޓީގެ މެމްބަރު ސޮބާހު ރަޝީދު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބި މެމްބަރުން ދޭ ވޯޓަކީ ހާމަކަން ބޮޑު ގޮތެއްގައި ދެވޭ ވޯޓަކަށް ވާންޖެހޭނެ ކަމަށް އެ ހަރަކާތުން ދެކޭ ކަމަށެވެ. ސޮބާ ވިދާޅުވީ ވޯޓު ސިއްރު ކުރުމުގެ މައްސަލައަކީ ޖީއެމްއާރުން ހަރަދު ކޮށްގެން އެ ކުންފުނިން މިތަނުގައި ތިބެ ގައުމުގެ ސިޔާސީ މަޝްރަހަށް އަތްގަދަ ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވޯޓު ސިއްރު ކުރަން މި އުޅެނީ ޖީއެމްއާރުން މިތާ ތިބެ ގައުމުގެ ސިޔާސީ މަޝްރަހަށް ވަދެ މަޝްރަހު ހަލަބޮލިކޮށް މި ތަނަށް އަތްގަދަ ކުރަންކުރާ މަސައްކަތެއް،" ސޮބާހު ވިދާޅުވި އެވެ.

ސޮބާހު ވިދާޅުވީ އޭގެ އިތުރުން ވެސް "ރައްޔިތުންގެ ގައުމީ ހަރަކާތުން" އެކަމާ ދެކޮޅަށް އިހުތިޖާޖް ކުރުމަށް ބާއްވާ ވަރަށްބޮޑު އެއްވުމެއް މިރޭ 9:00ގައި އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށާއި އެ އެއްވުމުން ވެސް ވަރަށް ތަފާތު ކަންތައް ތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ހާއްސަ ފަރާތަކެއް އެ އެއްވުމުގައި ބައިވެރިވެ އަޑު އުފުލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެކަމާ ދެކޮޅަށް ވަރަށް ބޮޑު އެއްވުމެއް ވެސް މިރޭ ބާއްވާނަން. އެ އެއްވުމުގައި ވަރަށް ތަފާތު ހަރަކާތްތަކެއް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ގައުމީ ހަރަކާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ހަރަކާތް ހިންގާ ކޮމެޓީގެ މެމްބަރު އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަމީމް ވިދާޅުވެފައި ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުް މިނިވަން ކުރަން ކުރި މަސައްކަތް ކާމިޔާބު ކުރެވިއްޖެ ކަމަށާއި ދެން އެނބުރޭނީ ރައްޔިތުންގެ މަޖިލީސް ހަމަމަގަށް އަޅުވަން ކަމަށެވެ. އެ އެއްވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރަން ވޯޓުދޭ ކޮންމެ މެންބަރަކީ "ހާއިނެއް" ކަމަށާއި އެފަދަ މެންބަރުންގެ ފަހަތުންވެސް ދުވާނެ ކަމަށެވެ.