ކޮންމެ އަހަރަކު ބާއްވާ މަޖިލީހުގެ ތިން ދައުރުގެ ފެށުން އަވަސް ކުރުމަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސް ނުކުރުމަށް ކޮމެޓީން ނިންމައިފި އެވެ.

މިހާރު އަމަލު ކުރަމުންދާ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ)ގައި ބުނަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް އެއް ވަނަ ދުވަހުން ފެށިގެން އެފްރީލް މަހުގެ ނިޔަލަށެވެ. އަދި ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ކޮންމެ އަހަރަކަށް މަޖިލިސް ހުޅުވަން ޖެހޭނީ ނުވަތަ އެ އަހަރެއްގެ ފުރަތަ ދައުރު ފަށާނީ މިހާރު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް އެއް މަސް ކުރިން ކަމަށެވެ. އެގޮތުން ކޮންމެ އަހަރު މަޖިލިސް ހުޅުވާނީ ފެބްރުއަރީ އެކެއްގައި ކަމަށާއި އެ ދައުރު ނިމޭނީ މާޗް މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ މަޖިލީހުގެ ގަވާއިދުގައި ބުނަނީ ފުރަތަމަ ދައުރު ފެށޭނީ މާޗް އެއް ވަނަ ދުވަހު ކަމަށާއި އެ ދައުރު ނިމޭނީ އެޕްރީލް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ ސެޕްޓެންބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހު ފާސް ނުކުރުމަށް ކޮމެޓީ އަށް ފެންނަ ހަ ނުކުތާއެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މާލިއްޔަތު ގާނޫނަށް ރިޔާއަތްކޮށް އެ ކޮމެޓީން ނެރުފައިވާ ރިޕޯޓްގައި ބުނަނީ އެންމެ ލަސްވެގެން ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަން ޖެހޭނީ މާލީ އަހަރު ފެށުމުގެ އެއް މަސް ކުރިން ކަމަށެވެ. ބަޖެޓް ދިރާސާ ކުރެއްވުމަށް ފަހު ޑިސެންބަރު މަހުގެ ތެރޭގައި ބަޖެޓް މަޖިލީހުން ފާސްކުރެ އެވެ. މާލިއްޔަތު ގާނޫނުގެ އެ މާއްދާ އަށް އިސްލާހު ގެނައުމަށް ވެސް ރޮޒައިނާ ހުށަހަޅުއްވާފައިވެ އެވެ. ރޮޒައިނާ ހުށަހަޅުއްވާފައި ވަނީ ނޮވެންބަރު އެކެއްގެ ކުރިން ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ނޮވެންބަރަށް ނިންމާލާ ނަމަ، ބަޖެޓް ދިރާސާކޮށް ނިންމުމަށް ދަތިތައް ކުރިމަތިވާނެ ކަމަށް އެ ކޮމެޓީގެ މެންބަރުން ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަ ބޭފުޅަކު ހުވާ ކުރައްވަން ޖެހިވަޑައިގަންނަވަނީ ނޮވެންބަރު 11ގައި ކަމަށާއި ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ނޮވެންބަރު މަހުގެ ކުރިން ބަޖެޓް ހުށަހެޅުމަކީ މުސްތަހީއްލު ކަމެއް ކަމަށް ކޮމެޓީން ފާހަގަކޮށްފައިވެ އެވެ.

ނޮވެންބަރު މަހުގެ ނިޔަލަށް މަޖިލީހުގެ ތިން ވަނަ ދައުރު ނިންމާލައިފި ނަމަ، ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ފާހަގަކޮށް، ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވަނީ ޑިސެންބަރު މަހަކީ ސުޕްރީމް ކޯޓުން ރިސެސް އަށް ދާ ދުވަސްވަރު ކަމަށާއި ދައުލަތުގެ އެންމެ އިސް ދެ މުއައްސަސާ އެއްފަހަރާ ޗުއްޓީގައިވާ ހާލަތުގައި ބޮޑު މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެ މައްސަލާގައި ހައްލު ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

މަޖިލީހުގެ ތިން ދައުރަށް ކޮންމެ އަހަރަކު އަށް މަސް ހޭދަވާނެ އެވެ. މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހަފްތާއަކު ތިން ދުވަހު އެވެ. އެގޮތުން އަހަރުގެ 365 ދުވަހުގެ ތެރެއިން މިއަހަރު ޖަލްސާތައް ބާއްވާނީ 101 ދުވަހު އެވެ.