އައްޑު އަތޮޅަށް ކުރި ބޯވިއްސާރާގައި 100 އަށް ވުރެ ގިނަ ގެއަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށާއި ގެތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު މިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް އައްޑު އަތޮޅުގެ ކައުންސިލަރ އަބްދުﷲ ސޯދިގު ވިދާޅުވެއްޖެ އެވެ.


ސޯދިގު ވިދާޅުވީ، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި އެ އަތޮޅު މަރަދޫ އާއި ފޭދޫ އަދި މަރަދޫ ފޭދޫގެ އެތައް ބަޔެއްގެ ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ގިނަ އާއިލާތަކަށް ވަނީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ. އެގޮތުން ފޭދޫގެ 50 ގެ އާއި، މަރަދޫފޭދޫގެ 70 ގެއާއި އަދި މަރަދޫން 17 ގެއާކު ޖުމްލަ 137 ގެއަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ސޯދިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ބައެއް ގެތަކުގައި ދޮޅު ފޫޓަށް ފެންބޮޑުވެ، ތަންތަނަށާއި ގޭގައި ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.


މީގެ އިތުރުން، ބައެއް ފިހާރަތަކާއި އަދި ގުދަނުގައި ހުރި މުދާތައް އެއްކޮށް ހަލާކުވެގެން ގޮސްފައިވާކަން ވެސް ސޯދިގު ފާހަގަކުރެއްވި އެވެ. އަދި މަރަދޫ ފޭދޫ ސްކޫލުގެ ލައިބްރައިރީގެ ފޮތްތަކުގެ 50 ޕަސަންޓް ވަނީ ފެންޖެހި ހަލާކުވެފައި ކަމަށާއި އެ ސްކޫލްގެ ރަސްމީ ލިޔެކިޔުންތަކާއި ކޮމްޕިއުޓަރު ފަދަ އަގުހުރި ސާމާނުތަކަށް ވެސް ފެނުގެ އަސަރުކޮށް، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެގެންގޮސްފައިވާ ކަމަށް ވެސް ސޯދިގު ވިދާޅުވި އެވެ.


ވިއްސާރައިގެ ސަބަބުން އައްޑު އަތޮޅުގެ ބައެއް ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ލިބުނު ގެއްލުން އެމީހުން ވަނީ ސަންއެފްއެމާއެކު ހިއްސާކޮށްފަ އެވެ. ލިބުނު ގެއްލުންތަކުގެ ބޮޑުކަމުން އެތަކެއް އާއިލާއަކަށް ވަނީ ސިހުން ލިބި، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ހަޔާތުގެ ގިނަ އަހަރުތަކެއް މަސައްކަތުގައި ހޭދަކޮށްގެން ބިނާކުރި ގެތައް ވަނީ އަލުން އެތައް ލައްކައެއް ރުފިޔާ ޚަރަދުކޮށްގެން މަރާމާތުކުރަންޖެހިފަ އެވެ. ރޯދައަށް އާކުރި ފަރުނީޗަރާއި ބަދިދޭ ސާމާނާއި ގޭގައި ގެންގުޅޭ ތަކެތި ވަނީ މުޅިން ފޯވެ ހަލާކުވެފަ އެވެ.


ހަމަ އެއާކު އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތަކަށް ވެސް ވަނީ ވިއްސާރައިގެ ސަބަބުން ބުރޫއަރާފަ އެވެ. އެގޮތުން، ފިހާރައިގައި ހުރި މުދާތައް ހަލާކުވެ، ވިޔަފާރިއަށް ބައިލައްކައެއްހާ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް، ގެއްލުން ލިބުނު ފިހާރަތަކުގެ ތެރެއިން ފިހާރައެއް ހިންގަމުން އަންނަ އަންނަ ވިޔަފާރިވެރިއެއް ކިޔައިދިނެވެ. 


ގެއްލުން ލިބުނު އާއިލާތަކަށް މާލީ އެހީތެރިކަމެއް ދިނުމާ ގުޅޭ ގޮތުން އަދި ވަކިގޮތެއް ހަމަޖެހިފައިނުވާ ކަމަށް ސޯދިގު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ފައްޓާނީ، ރަށްރަށަށް ސީދާ ލިބުނު ގެއްލުމުގެ އަންދާޒާއެއް ކުރެވި ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.