02 Dec 2012, 14:30
ތޭވީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޒަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު ނިފާޝާ ހޯދައިފި އެވެ. ނިފާޝާ ޗެމްޕިއަން ކަން ހޯދީ ރޭ މާލޭ ކެރަމް ހޯލުގައި ކުޅުނު ފައިނަލް މެޗްގައި ފާއިތުވީ ދެ އަހަރުގެ ގައުމީ ޗެމްޕިއަން އައިޝަތު ފައިނާޒުއާ ވާދަކޮށް ދެ ސެޓް އެއް ސެޓުގެ ނަތީޖާ އަކުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު 19-11 އިން ކާމިޔާބުކުރީ ނިފާޝާ އެވެ. އެހެން ނަމަވެސް ކުޅުން ރަނގަޅުކޮށް ފައިނާޒު ވަނީ 25-11 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ނަތީޖާ ކަނޑަ އަޅަން ކުޅުނު ފޯރިގަދަ ތިން ވަނަ ސެޓު ނިފާޝާ ކާމިޔާބު ކުރީ 14-13 އިން ނެވެ.
މި ޑިވިޒަންގެ ތިން ވަނަ ހޯދީ އާމިނަތު ވިޝާމާ އެވެ. އަދި ރޭގައި ކުޅެވުނު ދެވަނަ ޑިވިޒަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަލީ ރަމީޒު އެވެ.
މި މުބާރާތުގެ އެންމެ ފޯރިގަދަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. ޕްރިމިއާ ޑިވިޒަންގެ ފިރިހެން ސިންގަލްސް ފައިނަލު މެޗުގައި ފާއިތުވީ ދެ އަހަރު ވެސް ގައުމީ ޗެމްޕިއަން ހަސަން ނާޒިމުއާ ވާދަ ކުރާނީ ހުސައިން އަލީ އެވެ. މި ދެކުޅުންތެރިން މި އަހަރު ތެރޭގައި ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ އިރު އޭގެތެރެއިން ދެ މެޗް ކާމިޔާބު ކޮށްފައި ވަނީ ހުސައިން އަލީ އެވެ.
މިއަދު ކުޅޭ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15 ގަ އެވެ. އަދި މިމެޗު ޓީވީއެމް އިން ލައިވްކޮށް ދުރަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ހުސްވި މަހު 25 އިން މި މަހުގެ 2ގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ޖުމްލަ 10 ޓީމަކާ އެކު އިންޑިވިޖުއަލް އިވެންޓްތަކުގައި 98 ކުޅުތެރިޔަކު ބައިވެރިވެފައިވެ އެވެ.