އަމިއްލަ ކުންފުނިތަކަށް ޓީ-ބިލް ވިއްކަން ފެށި ފަހުން މި އަހަރު ތެރޭގައި އެންމެ ގިނަ ޓީބިލްސް ގަނެފައި ވަނީ މަޝްހޫރު ވިޔަފާރި ކުންފުނި "ޗަމްޕާ ބުރަދާޒް"އިން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ފަރާތްތަކަށް ޓީ-ބިލް ވިއްކަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހުޅުވާލީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ޓީ-ބިލް ވިއްކަން ހުޅުވާލި ފުރުސަތުގެ ތެރޭގައި އެންމެ ގިނައިން ޓީ ބިލް ގަނެފައި ވަނީ "ޗަމްޕާ ބުރަދާޒް" އިން ކަމަށެވެ. އެގޮތަށް މިނިސްޓަރު ވިދާޅުވުމުން މެންބަރު ވަނީ އެއީ ކިހާ އަދަދެއްގެ ޓީ ބިލެއްކަން ސާފު ކުރަން ސުވާލުތައް ކުރައްވައިފަ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ "ފުދޭ ވަރަކަށް ބޮޑު އަދަދެއް"ގެ ޓީބިލް އެ ކުންފުނިން ގަނެފައިވާ ކަމަށާއި "ކުއްލިއަކަށް އަދަދު ދަންނަވަން ނޭނގޭ" ކަމަށެވެ.

"ފަހުން ބޭނުންވެއްޖެ ނަމަ ތަފްސީލް ދެވިދާނެ،" މެންބަރުން އެ ސުވާލުތައް ކުރިމަތިކުރައްވަން ފެއްޓެވުމުން ޖިހާދު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ޗަމްޕާ ބްރަދާޒް އިން ގަނެފައިވާ ޓީ ބިލްސްގެ އަގު ގާގްގަނޑަކަށް 11 މިލިއަން ޑޮލަރު (169.6 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

އަމިއްލަ ފަރާތްތަކަށް ޓީ ބިލްސް ވިއްކުމާއި ޑޮމެސްޓިކް ލޯނުތައް ކޮންމެ އަހަރަކު ވެސް އިތުރުވާ މައްސަލައިގައި މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭގެ ސަބަބުން ޕްރައިވެޓް ސެކްޓަރުން އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިސާ މަދުވެ އޭގެ ސަބަބުން ޕްރައިވެޓް ސެކްޓަރު އިތުރަށް ހީނަރުވެގެން ހިނގައިދާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

ޓީ ބިލްސް އަކީ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް މަރުކަޒީ ބޭންކުން ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ ބިލަށް ވަކި މުއްދަތެއްގައި ދައުލަތުން އަނބުރާ ފައިސާ ދައްކަން ޖެހޭނީ ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓާ އެކު އެވެ.

ޓީބިލްސް އަމިއްލަ ފަރާތްތަކަށް ވިއްކުމާ ގުޅުވާ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު މީގެ ކުރިން ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ "ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން އިންސްޓްރޫމަންޓެއް ތައާރަފް ކުރަން މަސައްކަތް ކުރާ ކަމަށާއި އެ އިންސްޓްރޫމަންޓް ތައާރަފް ކުރުމުން ބޭރު ފައިސާގެ ބާޒާރަށް ލުޔެއް ލިބޭނެ" ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމްއެމްއޭ އިން މިހާރު ޓީ ބިލް ވިއްކަމުން އަންނަނީ ބީލަމުގެ އުސޫލުން ހަފްތާއަކު އެއްފަހަރު އެވެ. އެ ބޭންކުން ޓީ ބިލް ވިއްކަނީ 28 ދުވަސް ތެރޭ އަނބުރާ ފައިސާ ދައްކަން ޖެހޭ ޓީ ބިލާއި 91 ދުވަހުގެ ތެރޭ ފައިސާ ދައްކަން ޖެހޭ ޓީ ބިލާއި އަދި 182 ދުވަސް ތެރޭ ފައިސާ ދައްކަން ޖެހޭ ޓީ ބިލެވެ. އަށާ ވީސް ދުވަހުގެ ޓީބިލް ދޫކުރަނީ 7.73 ޕަސެންޓްގެ އިންޓަރެސްޓަކާ އެކު އެވެ. އަދި 91 ދުވަހުގެ ޓީ ބިލް 7.70 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު ދޫކުރާ އިރު 182 ދުވަހުގެ ޓީ ބިލް ދޫކުރަނީ 7.55 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު އެވެ. އަދި 364 ދުވަހުގެ ޓީ ބިލް ވިއްކަނީ 7.70 އިންޓަރެސްޓް ރޭޓާ އެކު އެވެ.