އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ށ. ގޮއިދޫގެ އެއްވެސް މަޝްރޫއަކަށް ފައިސާ ހިމަނާފައި ނުވާތީ އެ ރަށު ރައްޔިތުންގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު މިއަދު ސަން އަށް ބުނީ އަންނަ އަހަރަށް ލާފާކުރާ ދައުލަތުގެ ބަޖެޓްގައި އެ ރަށް ފިޔަވައި އެ ދާއިރާގެ ހުރިހާ ރަށެއްގެ މަޝްރޫއުތަކަށް ފައިސާ ހިމާނާފައިވާ ކަމަށެވެ. އަދި އެ ރަށުގެ މަޝްރޫއުތަކަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނުވާތީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނައުމަށް މިއަދު 11:00 އިން ފެށިގެން ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ގޮއިދޫ ކައުންސިލްގެ ނާއިބް ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހުން މިއަދު ކައުންސިލާ ބައްދަލުކުރި ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ޑިމާންޑްކުރާ ކަންތައް ކަމާ ބެހޭ ފާރަތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމާއި ސްކޫލް އެއް ދަންފަޅިއަކަށް ބަދަލު ކުރުމަށް ބޭނުންވާ ހަތަރު ކްލާސް ރޫމް އެޅުމާއި ބަނދަރުގެ ބައްތި ޖެހުމާއި ކުނިކޮށީގެ މައްސަލަ ހައްލު ކުރުމާއި މިސްކިތް މަރާމާތު ކޮށް ގަބުރުސްތާނުގެ ފާރު ރޭނުމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނުމަށް ކަައުންސިލުން ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ބަޖެޓްގައި ނުހިމަނައި އެ ދާއިރާގެ އެހެން ހުރިހާ ރަށްރަށުގެ މަޝްރޫއުތަކަށް ބަޖެޓްގައި ފައިސާ ހިމަނާފައި ވާތީ ކައުންސިލުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ 701 މީހުންގެ އާބާދީއެއް އޮންނަ އެރަށުގެ މަޝްރޫއުތަކަށް ބަޖެޓްގައި ފައިސާ ހިމަނައިދިނުމަށް އެދި ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރާ ދެއްކި ވާހަކަތަކުގައި އެކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މިހާރު ކައުންސިލަށް ދެއްވާފައިވާ ކަމަށެވެ.