ސައުދީ އަރަބިއްޔާ އިން ތައުލީމް ހާސިލްކުރުމަށް އެ ގައުމުގެ 23 ޔުނިވަސަޓީއަކުން 50 ސްކޯލަޝިޕް ރާއްޖެ އަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖޭގައި ތިބި ދަރިވަރުނަށް އެކި އެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުގައި އެ މިނިސްޓްރީން އެދިފައިވާތީ އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަން ރަސްމީކޮށް މިހާރު އަންގާފައި ކަމަށެވެ.

ސްކޯލާސިޕް ދިނުމަށް ހަމަޖައްސާފައިވާ ޔުނިވަސިޓީތަކުގެ ތެރޭގައި ސައުދީއަރަބިއްޔާގެ އެންމެ މަޝްހޫރު ޔުނިވަސިޓީތައް ހިމެނޭ އިރު އެކި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވެސް މި ފަހަރު ލިބިފައިވާކަން އެ މިނިސްޓީގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މީގެ ކުރިން ދިވެހި ދަރިވަރުނަށް އާންމުކޮށް ލިބިފައި ވަނީ ދީން ކިޔެވުމުގެ ދާއިރާ އިން، މަދީނާއިގައި ހުންނަ އިސްލާމިކް ޔުނިވަސިޓީން [ކިޔެވުމުގެ ފުރުސަތު] އެކަންޏެވެ. ނަމަވެސް މި ފަހަރު 50 ފުރުސަތު ފަހިވެގެން މިއައީ އެކި ދާއިރާތަކުންނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.


އިސްލާމިކް މިނިސްޓްރީ އިން ބުނީ ކޯސްތަކަށް އެޕްލައި ކުރަން ޖެހޭނީ ސައުދީ އަރަބިއްޔާގެ ރިޔާޞްގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ދަރިވަރުން އަމިއްލައަށް ކަމަށެވެ. އަދި ބުނެފައި ވަނީ ކުދިން ކޯސްތަކަށް ހޮވުމުގައި އިސްލާމިކް މިނިސްޓްރީގެ އެއްވެސް ހިއްސާއެއްް ނޯންނާނެ ކަމަށެވެ.

"ދަރިވަރުން ތައުލީމް ސެޓްފިކެޓްތަކުގައި ކޮލަމްބޯގައި ސައުދީ އެމްބަސީ އިން އެ ޓެސްޓްކޮށް، ޔުނިވަސިޓީތަކަށް އެޕްލައިކުރާނީ އެވެ. ދަރިވަރުން ސީދާ ޔުނިވަސިޓީތަކުންނެވެ. ދަރިވަރުން ހޯވާނީ ސީދާ ޔުނިވަސިޓީތަކުންނެވެ." އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ސްކޯލަޝިޕްތަކަކީ ފުލް ސްކޯލަޝިޕްތަކެއް ކަމުން ޓިކެޓާއި ހުރިހާ ހަރަދެއް އަދި ޗުއްޓީގައި ރާއްޖެ އައުމުގެ ހަރަދު ވެސް ސައުދީ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.