02 Dec 2012, 13:05
ޝަރީއަތް ކުރުމުގައި ނުލައި ސުޕްރީމް ކޯޓުން މައްސަލަތަކުގައި ހުކުމްކޮށް ގޮތް ނިންމާ ކަމަށާއި އެކަން ހުއްޓުވަން ޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވެފައި މިވަނީ މަޖިލީހުގައި އޭނާ ޗެއާކުރައްވަމުން ގެންދަވައި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއް ނޫންކަމަށް ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދުގެ އަމިއްލަފުޅު ބްލޮގް، "އެމް ނަޝީދު ޑޮޓްކޮމް"ގައި އޭނާ ވިދާޅުވެފައިވަނީ މައްސަލައެއް ހުށަހެޅުމެއް ނެތި އަދި ޝަރީޢަތެއްވެސް ބޭއްވުމެއް ނެތި އަދި އެ މައްސަލައިގައި ވަކާލާތުކުރުމަށްވެސް ފުރުސަތެއް ނުދީ ސުޕްރީމް ކޯޓުން ހުކުމްތައް ނެރެމުން ދިއުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
"ޝަރީޢަތަކާ ނުލައި، އަޑުއެހުމަކާ ނުލައި، ވަކާލާތުކުރުމަކާ ނުލައި، މައްސަލައެއް ހުށަހެޅުމަކާ ނުލައި، މައްސަލައެއްކަމަށް ޤަބޫލުކުރެވޭ ކަންކަމުގައި ވަގުތުން ޙުކުމް ކަނޑައަޅަނީ. ޖަވާބުދާރީވާނެ، ވާހަކަދައްކާނެ ފުރުޞަތެއް ދިނުމަކާ ނުލައި އެ ޙުކުމް ކަނޑައަޅައިފިކަން ދެން އިވެނީ ޚަބަރުން. މިއީ، ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކުން ފެންނަމުންދާ ކަމެއްކަމުގައި ހިތާމަޔާއެކު ދަންނަވަންޖެހޭ. މިއީ، މިކަން ހިނގައިގެންވާނެ ގޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މައްސަލަތަކުގެ ފަހުބަސް ބުނުމުގެ ބާރު ދީ އުފައްދާފައިވާ ސުޕްރީމްކޯޓަކީ ފަޑިޔާރުންގެ ބެންޗުގެ ލަފައެއްވެސް ނެތި ހުކުމްތައްކޮށް އަމުރުތައް ނެރެ ހަނދާތަނަކަށްއެތަން ވެއްޖެ ނަމަ ޝަރީއަތަކާއި ނުލައި ހުކުމް ކުރުން އާންމުކަމަކަށް ވެދާނެ ކަމަށެވެ. އަދި ކޯޓަކުން މައްސަލައެއް ބަލައި ހުކުމެއް އިއްވަން ޖެހޭނީ ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ މައްސަލައެއް ކޯޓަކަށް ހުށަހެޅިގެން ކަމަށެވެ.
އަދި ވިދާޅުވީ މިނޫން ގޮތަކަށް ކޯޓުތަކުން އަމަލު ކުރަމުން ގެންދާ ނަމަ ކޯޓެއްގެ އަސާސީ އެއް ސިފަ ގެއްލި ހިނގައިދާނެ ކަމަށާއި ޝަރީޢަތުގެ މާނަ އޮޅެން ފަށާ ސުޕްރީމް ކޯޓަކީ، އޮފީހަކަށް ބަދަލުވާން ފަށާފާނެ ކަމަށެވެ. އަދި މިހާރު ސުޕްރީމް ކޯޓުން އަމަލު ކުރަމުންދާ އުސޫލްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ ޤާނޫނެއްގައި ސުޕްރީމް ކޯޓުގެ ހިތްހަމަނުޖެހޭ ކަމެއް އޮތްނަމަ، ޢަދުލުއިންސާފު ގާއިމުކުރުމާ ބެހޭގޮތުން ޤާނޫނުއަސާސީގައި ހުރި ހުރިހާ މާއްދާއަކަށް ޙަވާލާދިނުމަށްފަހު، އިދާރީގޮތުން ނެރޭ ލިޔުމެއް މެދުވެރިކޮށް، އެ ހިތްހަމަނުޖެހޭ މާއްދާތައް ބާޠިލުކޮށްލާ އުސޫލް ކަމަށެވެ.
"މިހެން މިދަންނަވާލީ، އެކިކަންކަމުގައި ޝަރީޢަތަކާ ނުލައި ރޫލިން ތައް ނެރުއްވަމުން ގެންދަވާތީ. އަދި، އެ ރޫލިންތައް މެދުވެރިކޮށް، ޝަރީޢަތަކާ ނުލައި، އަޑުއެހުމަކާ ނުލައި، މައްސަލައެއް ހުށަހެޅުމަކާ ނުލައި، ޤާނޫނުތަކުގެ މާއްދާތައްވެސް ބާޠިލުކުރައްވަމުން ގެންދަވާތީ. މިއަދާހަމައަށްވެސް، ދެ ޤާނޫނެއްގެ 17 މާއްދާއެއް މިދެންނެވިގޮތަށް ޝަރީޢަތަކާ ނުލައި، އަޑުއެހުމަކާ ނުލައި، މައްސަލައެއް ހުށަހެޅުމަކާ ނުލައި، އިދާރީ އުސޫލުން، ހަމައެކަނި ރޫލިން އެއް މެދުވެރިކޮށް، ބާޠިލުކުރައްވާފައިވޭ. މިކަން ކުރާތަން މުޅިންހެން ފެންނަނީ، ސުޕްރީމް ކޯޓުގެ އާރާއި ބާރާ ގުޅޭ ކަންކަމުގައި. މިހާތަނަށް ބާޠިލުކޮށްފައި ދެ ޤާނޫނެއްގެ 17 މާއްދާއިންވެސް މިކަން ކަށަވަރުވޭ." ނަޝީދު ވިދާޅުވި އެވެ.
ސްޕްރީމް ކޯޓުން ކުރާމިފަދަ ހުކުމް ތަކާއި އަމުރު ތަކަކީ ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުގެ ތަޞައްވުރުގައި ހިމެނޭ ކަމެއްކަމަކަށް ޤަބޫލުކުރަން ވަރަށް ދަތި ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ވިސްނޭގޮތުގައި، ސުޕްރީމް ކޯޓުގެ ނިންމުންތައް އަންނަންވާނީ، މައްސަލައެއްގެ މައްޗަށް. އަޑުއެހުމަކަށް ފަހުގައި. ޝަރީޢަތެއް ހިންގުމަށްފަހުގައި. މައްސަލައިގައި ކުރެވޭ ވަކާލާތުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ “އަމިއްލަ އިސްނެގުމުގައި” ބައެއް ކަންކަން ކުރުމުގެ ބާރު މަތީ ގިންތީގެ ފަނޑިޔާރުގެއަށް ނުވަތަ ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން އެކަން ކުރެވުންދާ ދެ އުސޫލެއް ނަޝީދު ފާހަގަ ކުރެއްވި އެވެ.
އެގޮތުން ފުރަތަމަ ގޮތެއް ކަމަށް ނަޝީދު ވިދާޅުވީ އެކަން ކުރަނީ، ވަރަށް ފާޅުގައި، ވަރަށް ސީރިއަސް ދަރަޖައަކަށް އިންސާނީ ޙައްޤަކަށް އަރައިގަންނަހިނދުގައި، މީހަކު މައްސަލައެއް ހުށަނޭޅިނަމަވެސް، އިންސާފު ލިބިދިނުން އަވަސްކުރުމުގެ ބޭނުމުގައި، އެކަން ފަނޑިޔާރުގޭގެ ސަމާލުކަމަށް އައިސް އަމިއްލައަށް ބަލައިގަނެގެން ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަކީ ފަނޑިޔާރުގޭގެ ސަމާލުކަމަށް އެ މައްސަލައެއް އަމިއްލައަށް ބަލައިގަތުމަށްފަހު، އެކަން އިޢުލާންކޮށް، ކަމާބެހޭ މީހުން ވަކި ދުވަހެއްގެ ވަކި ގަޑިއަކަށް ކޯޓަށް ޙާޒިރުވެ ކޯޓުގައި ޖަވާބުދާރީވުމަށް ކަމާބެހޭ މީހުންނަށް އަންގައިގެން ކަމަށެވެ.
ސްޕްރީމް ކޯޓުން ކުރާ މިފަދަ ހުކްތަކާއި އަމުރުތަ ހައްލަު ކުރެވިދާނެ ދެ ގޮތެއް ނަޝީދުގެ ލިޔުއްވުމުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ފުރަތަމަ ގޮތެއް ކަމަށް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީގައި ބަސްތަކާއި ޢިބާރާތް މާނަކޮށްފައިވާ މާއްދާއަށް އަކުރެއް އިތުރުކޮށް، “ސުޕްރީމް ކޯޓުގެ ނިންމުން” އެއީ ކޮންއެއްޗެއްކަން މާނަކޮށްދިނުން ކަމަށެވެ. އަދި ދެވަނަ ގޮތަކީ ސުޕްރީމް ކޯޓުގެ ޙުކުމާއި އަމުރާއި ރޫލިން އާއި ޢާންމު ސިޓީ އާއި ގަވާއިދުތަކާއި ސާކިއުލާތަކަށް ޤާނޫނީގޮތުން ތަފާތުކުރުންތަކެއް ގެނެސް، އެ އެއްޗެހި ދަރަޖަކޮށް، އެއިން ކޮންމެ އެއްޗެއްގެ ނަތީޖާ ވަކިން ބަޔާންކުރުން ކަމަށެވެ. އަދި އެއިން ކޮންމެ އެއްޗަކީ، ސުޕްރީމް ކޯޓުގެ ޙުކުމަކާ އެއްވަރުގެ އެއްޗެއް ނޫންކަން ކަނޑައެޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކީ، ހުށަހެޅޭ މައްސަލައަކާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހަކުން ބާއްވާ އަޑުއެހުންތަކަށް ފަހު، ކަމާ ގުޅޭގޮތުން ފާހަގަވާ ކަންކަމުގެ މައްޗަށް، ޝަރީޢަތުގެ މަޖިލީހުގައި އިއްވާ ނިޔާކަމުގައި ނުވަތަ ޙުކުމްކަމުގައި ނުވަތަ ކުރާ އަމުރުކަމުގައި ނުވަތަ ދޭ ރޫލިން ކަމުގައި ކަނޑައެޅުން ކަމަށެވެ.