02 Dec 2012, 12:53
ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކައުންސިލްގެ ހަތް މެންބަރުން ތަޖުރިބާ ހޯދުމަށް ސްރީލައްކާ އަށް މިއަދު ފުރައިފި އެވެ.
މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް މީޑިއާ ކައުންސިލް މެންބަރުން ލަންކާ އަށް ކުރާ ދަތުރާ ބެހޭ ގޮތުން އެ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއާޒް މިއަދު ވިދާޅުވީ އެ ދަތުރުގެ ބޭނުމަކީ މީޑިއާ ރެގިލޭޓް ކުރާ ގޮތް ބެލުމާއި މީޑިއާތަކާ މެދު ފިޔަވަޅު އަޅާ ގޮތް ބަލައި އެކަމުގެ ތަޖުރިބާ ހާސިލް ކުރުން ކަމަށެވެ.
ރާއްޖޭގެ ނޫސްވެރިންނަށް ލަންކާގައި ތައުލީމް ހާސިލް ކުރުމަށް ހުރި ފުރުސަތުތައް ހޯދުމަށް މީޑިއާ ކައުންސިލް މެންބަރުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ. އެ ދަތުރުގައި ލަންކާގެ ޕްރެސް ކައުންސިލާ ބައްދަލު ކުރާނެ ކަމަށާއި އެގޮތުން ހާއްސަ ބައްދަލުވުމެއް، އެ ކައުންސިލްގެ ރައީސްއާ އެކު ބާއްވަވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި ލަންކާ ސަރުކާރުގެ ޕްރެސް އިންސްޓިޓިއުޓްއާ ބައްދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގައުމުގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ސްޓޭޝަންތަކަށް ޒިޔާރަތްކޮށް އެތަންތަން ހިނގަމުންދާ ގޮތް ކައުންސިލް މެންބަރުން ބައްލަވާލައްވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ މީޑިއާ ކައުންސިލުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި "ޕްރެސް ކްލަބް" އުފެއްދުމަށް ނިންމާފައިވާނެ ކަމަށާއި ލަންކާ އަށް ކުރާ ދަތުރުގައި އެ ގައުމުގެ ޕްރެސް ކްލަބް ހިނގަމުންދާ ގޮތް ކައުންސިލް މެންބަރުން ދިރާސާ ކުރައްވާނެ ކަމަށެވެ.
"އެބޭފުޅުން އެ ވަޑައިގެންނެވީ ކައުންސިލްގެ ބަޖެޓް ފެސިލިޓީ އަށް ބަލައިގެން އެންމެ ހަރަދު ކުޑަކޮށް ދަތުރުފުޅު ކުރެއްވޭ ގޮތަށް. އެއީ ދައުލަތާއި މީޑިއާ ކައުންސިލްގެ ބަޖެޓަށް ވެސް ބަލައިގެން. އެއް ވަނަ ދަރަޖައިގެ ދަތުރެއް ނޫން އެއީކީ،" މުއާޒް ވިދާޅުވި އެވެ.
ކައުންސިލްގެ ހަތް މެންބަރުންގެ ދަތުރަށް 125،000ރ. ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. މީޑިއާ ކައުންސިލް ހިންގުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން 4.4 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ. އަދި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް 12.4 މިލިއަން ރުފިޔާ އަށް އަންދާޒާކޮށްފައި އޮތް ނަމަވެސް، ފިނޭންސް މިނިސްޓްރީ އިން ވަނީ އެ ބަޖެޓް 3.9 މިލިއަން ރުފިޔާ އަށް ތިރިކޮށްފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
އެ ދަތުރުގައި ވަޑައިގެންފައި ވަނީ އެއުންސިލްގެ މެންބަރު ޒިހުނަތު ހަސަނާއި ޖައުފަރު ރަޝީދާއި އަހުމަފު އަފްޒަލް އާއި ހުޝާމު މުހައްމަދާއި އިބްރާހީމް ޒަކީ އާއި އިސްމާއީލް ނަސީރާއި މުހައްމަދު އަބްދުﷲ ޝަފީގެވެ.
މީޑިއާ ކައުންސިލުގެ މެންބަރުން ތަޖުރިބާ ހާސިލް ކުރުމަށް ލަންކާ އަށް ދަތުރެއް ފައްޓަވާފައިވާ އިރު، ލަންކާއަކީ ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ އަށް ވުރެ 90 ޖަރަޖަ ފަހަތުގައި އޮތް ގައުމެކެވެ. "ރިޕޯޓާސް ވިތައުޓް ބޯޑާސް"އިން މިދިޔަ އަހަރު އާންމު ކުރި ލިސްޓުން ދައްކާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ލިސްޓުގައި ލަންކާ އޮތީ 163 ވަނަގަ އެވެ. ރާއްޖެ އޮތީ 73 ވަނަގަ އެވެ.