02 Dec 2012, 11:31
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ވެބްސައިޓް ހެކުކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމްއޭސީއެލްގެ ވެބްސައިޓް ހެކްކޮށް އިންޒާރުގެ ލިޔުންތަކެއް އެ ވެބްސައިޓްގައި ޝާއިއު ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ވެބްސައިޓް ހެކްކުރި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅިފައި ވަނީ ހުކުރު ދުވަހުގެ ރޭ. މިހާރު ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އިންޑިއާޝެލް" ކިޔާ ހެކަރުންގެ ގުރޫޕަކުން އެ ވެބްސައިޓްހެކް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:00 ޖަހާކަންހާއިރު އެވެ. ހެކްކުރުމަށް ފަހު އެ ގްރޫޕުން އެ ވެބްސައިޓުގައި ލިޔެފައިވާ އިންޒާރުގެ ނޯޓިސްގައި ވަނީ؛ "އެމްއޭސީއެލް! އަހަރެމެން ކަލޭމެންގެ ހަރަކާތްތަކަށް އަބަދުވެސް ބަލަމުންގެންދާނަން. އަދި އަހަރުމެންނާ ތިޔަ ގޮތަށް ޖައްސާލައިގެން އުޅެންވެއްޖިއްޔާ، ހަލާކުވެދާނީ. ހަނދާން ކުރާތި! އަހަރުމެންނާ ތިޔަގޮތަށް ކުރިމަތިލައިގެން ދުވަހަކު ވެސް ކާމިޔާބެއް ނުވާނެ! އިންޑިޔާއަށް ޓަކައި އަހަރުމެން މިތިބީ ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް،" ކަމަށެވެ.
އަދި ލިޔެފައި ވަނީ؛ "ދިވެހިރާއްޖެ އިން އިންޑީއާގެ ގަދަރުވެރި ކުންފުނިތައް ބަދުނަމުކުރުން ހުއްޓާލާފަ ސަލާމަތާ ރައްކާތެރިކަމާ އެކު ވެބްސައިޓެއް ހިންގަން ފުރަތަމަ ދަސްކުރޭ. ކަލޭމެނަށް އެ ވެބްސައިޓެއްގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ނަމަ ކިހިނެއް އެއާޕޯޓެއް ރައްކާތެރިކަމާ އެކު ހިންގާނީ."
ހެކަރުންގެ ވެބްސައިޓް ހެކްކުރުމަށް ފަހު ވެބް ސައިޓްގެ ވޯލްގައި ބޮޑު ދެލޯ ލާފައިވާ، އިންޑިއާގެ ދިދަ ފާޅުވާ ކުރެހުމެއް ވަނީ ޕޯސްޓްކޮށްފަ އެވެ.
ވެބްސައިޓް ހެކްކުރި ފަހުން އަދިވެސް އެ ވެބްސައިޓަކަށް ނުވަދެވެ އެވެ. ވެބްސައިޓުން މިހާރު ފެންނަނީ އެކައުންޓް ސަސްޕެންޑްކޮށްފައިވާ ކަމުގެ މެސެޖެކެވެ.