02 Dec 2012, 11:16
ކެލިފޯނިއާގެ ހޯމް ޑެޕޯ ސެންތަރުގެ ސްޕޯޓްސް ކޮމްޕްލެކްސްގައި ރޭ ކުޅުނު ފައިނަލް މެޗްގައި ފަހަތުން އަރައި ތިންލަޑު އެއްލަނޑުން ހިއުސްޓަން ޑައިނަމޯ ބަލިކުރުމަށް ފަހު ލޮސްއެންޖަލަސް ގެލެކްސީ އެމްއެލްއެސް ކަޕް ދިފާއު ކޮށް އެ ޓީމަށް ކުޅޭ އިނގިރޭސި ވިލާތުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް،37، އަށް ފުރިހަމަ ފެއާވެލް އެއް ކިޔައިފި އެވެ.
މެޗްގެ ދެ ވަނަ ހާފުގައި ގެލެކްސީގެ ކޯޗު ބުރޫސް އެރީނާ ވަނީ ބެކަމް ބަދަލު ކޮށްފަ އެވެ. އަދި ބެކަމް އަސަރާ އެކީ ޓީމުގެ އެހެން ކުޅުންތެރިންނާއި އަދި ސަޕޯޓަރުންނާއި އޮފިޝަލުންނަށް ވަނީ ވަދާއީ ސަލާމްކޮށްފަ އެވެ. ތައުރީފުގެ ޝުއޫރުތައް ފާޅުކޮށް އަދި އެފަދަ ލިޔުންތައް ލިޔެފައިވާ ބެނާތައް ހިފައިގެންނާއި ޓީޝާޓު ލައިގެން ކުލަބުގެ ސަޕޯޓަރުން ވެސް ވަނީ ބެކަމް އަށް ވަރަށް ބޮޑަށް ތަރުހީބުދީ ވަދާއުކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ހިއުސްޓަންގެ ކެލަންކާ ވަނީ ޓެކްސަސްގެ ޓީމަށް ކުރި ހޯދައިދީފައިވެ އެވެ. އެހެން ނަމަވެސް ދެ ވަނަ ހާފު ފެށިގެން ފަނަރަ ވަނަ މިނިޓު ތެރޭގައި ގެލެކްސީގެ ޖުނީނޯ ޑައިނަމޯގެ އޭރިޔާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ބޮލުން ފޮނުވާލައިގެން އުމަރު ގޮންޒާލޭޒް ކާމިޔާބު ކޮށްދިން ގޯލާ އެކު ހޮލީވުޑް ޓީމް ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ފަސް ވަރަކަށް މިނިޓު ފަހުން މެޗްގެ ނަތީޖާ ގެލެކްސީގެ ކޮޅަށް ބަދަލުކޮށްލީ ކެޕްޓަން ލެންޑަން ޑޮނޮވަން ކާމިޔާބުކޮށްދިން ޕެނަލްޓީ އިންނެވެ. އަދި މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްލީ ރޮބީ ކީން އެވެ.
މެޗަށް ފަހު އަސަރާ އެކީ ބެކަމް ބުނީ ވަކިވާން ޖެހޭތީ އޭނާ ހުރީ ވަރަށް ދެރަވެފައި ކަމަށެވެ. "މިއީ އަހަންނަށް ވަރަށް ހާއްސަ ތަނެއް، އަދި އަބަދުވެސް ހާއްސަ ވާނެ، އަހަރެން މިހިރީ ވަރަށް އުފަލުން ހަ އަހަރު ދުވަސްވަންދެން މިޓީމާ އެކު މަސައްކަތް ކުރެވި އަދި ފާއިތުވީ ހަތަރު އަހަރު ދުވަހު ޓީމު ރަނގަޅު ކާމިޔާބު ތަކެއް ހޯދާފައިވާތީ އެކަމާ ފަހުރުވެރިވަން،" ކުރިން މަންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި އޭސީ މިލާނަށް ވެސް ކުޅެފައިވާ ތަރި ކިޔާ ދިނެވެ.
"އަހަރެން ދެން މި ޓީމަށް ކުޅޭނެ ހެނެއް ހިޔެއް ނުވޭ. އެކަމަކު އަބަދު ވެސް މި ކުލަބަށާއި ލީގަށް އަދި މި ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައަކަތް ކުރާނަން." ބެކަމް ބުންޏެވެ.
އެލްއޭ ގެލެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަ ވުމާއެކު ބެކަމް މިހާރު ވަނީ ފުޓް ބޯޅައިގެ އެހެން މަންޒިލަކަށް ދިއުމުގެ މަސައްކަތް ފަށައިފަ އެވެ. އޭނާ ދެން ގުޅޭނީ ކޮންޓީމަކާތޯ ސުވާލުކުރުމުން ބެކަމް ބުނީ "އަދި ހަމަ އެއްގޮތަކަށް ވެސް ނޭނގެ" އެވެ. ދޫދޫ މަތިން ދެކެވޭ ގޮތުގައި ބެކަމް ދެން ބަދަލުވާނީ ފުރާންސްގެ މުއްސަނދި ޕީއެސްޖީއަށް ނުވަތަ އިނގިރޭސި ލީގުގެ ޓީމަކަށެވެ. އަދި ހަމަ އެހެންމެ އޮސްޓްރޭލިޔާ ނުވަތަ ޗައިނާގެ ޓީމަކަށް ބަދަލު ވުމީ ވެސް އެކަށީގެންވާ ކަމެކެވެ.