ނިދުމަކީ ދުޅަ ހެޔޮ ސިއްހަތަކަށް ބޭނުންވާ މުހިއްމު ކަމެކެވެ. ނަމަވެސް ކިތަންމެ ރަނގަޅު ކަމެއްވެސް ހައްދުން ނައްޓައިފިނަމަ އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ. ހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑުގެ ނިދި ކިތަންމެ މުހިއްމު ވިޔަސް މާގިނައިން ނިދުމަކީ ސިއްހީ ބޮޑެތި މައްސަލަ ތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ގިނައިން ނިދުމޭ މިބުނެވެނީ ކިހާއިރަކު ނިދައިގެންތޯ އެވެ؟ "ވެބް އެމްޑީ"ގެ ދިރާސާގައިވާ ގޮތުން މީހާގެ އުމުރުގެ އެކި ހިސާބުގައި ނިދި ބޭނުންވާވަރު ތަފާތުވާނެ އެވެ. މީހަކު ނިދާ މިންވަރު ބިނާވެގެން ވަނީ އެމީހެއްގެ އުމުރާއި، ހެލިފެލިވެ އުޅޭ މިންވަރާއި، ސިއްހަތާއި، އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ އެވެ. މިސާލަކަށް ހިތް ނުތަނަވަސް ކަމާއި ކުރިމަތިވުމުން ނުވަތަ ބައްޔެއް ތަހައްމަލް ކުރަންޖެހޭ ވަގުތުގައި، ގިނައިން ނިދަން ބޭނުންވެ އެވެ. ރިޕޯޓުގައި ބުނެފައިވަނީ ނިދި ބޭނުންވާ މިންވަރު އެކި އުމުރުގައި އެކި މީހުންނަށް ތަފާތު ނަމަވެސް ބޮޑު މީހަކު އާއްމުގޮތެއްގައި ކޮންމެ ރެއަކު ހަތްގަޑި އިރު ނުވަތަ ނުވަ ގަޑިއިރު ނިދުމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

"ނިދި ބޭނުންވާ މިންވަރު އެކި އުމުރުގައި އެކި މީހުންނަށް ތަފާތު ވާނެ. ނަމަވެސް އާއްމު ގޮތެއްގައި ބޮޑުމީހަކު ރޭގަނޑުގެ ނިދި ނިދަންޖެހޭނެ ހަތް ގަޑިއިރު ނުވަތަ ނުވަ ގަޑި އިރު. އެގޮތަށް ސިއްހީ މާހިރުންވެސް ލަފާ ދެއްވަނީ،" އެ ރިޕޯޓުގައި ވެއެވެ.

އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިޔާ (އޯއެސްއޭ) އަކީވެސް ގިނަ އިރު ނިދުމަށް މެދުވެރިވާ ކަމެއް ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ. އެ ރިޕޯޓު ބުނާގޮތުން އޯއެސްއޭގެ ސަބަބުން ނިދާފައި އޮންނަ އިރު ވަގުތު ކޮޅަކަށް ނޭވާލުން ހުއްޓެ އެވެ. ނޭވާ ހުއްޓުމުގެ ސަބަބުން ނިދިން ހޭލެވި ނިދި ހަލާކުވާ ކަމަށާއި، އެގޮތަށް ދޭތެރެ ދޭތެރެއިން ހޭލެވުމުގެ ސަބަބުން މީހާ އިތުރަށް ނިދަން ބޭނުންވާ ކަމަށްވެސް ދިރާސާއިން ދައްކަ އެވެ.

"ބޭނުންވާ ވަރަށްވުރެ ގިނައިން ނިދާ ހަމަ ކޮންމެ މީހަކީ އެފަދަ ސިއްހީ މައްސަލަތަށް ކުރިމަތިވެފައިތިބި މީހުންނެއް ނޫން. އެހެން ކޮންމެވެސް ކަމަކާއި ގުޅިގެން ކަމަށްވެސް ވެދާނެ،" ރިޕޯޓުގައި ވެއެވެ.

ބޭނުންވާ ވަރަށްވުރެ ގިނައިން ނިދުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ ބައެއް މައްސަލަތަކުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ހަކުރު ބަލި ޖެހުމަށް މަގުފަހިވާ ކަމަށެވެ. ނުވަހާސް މީހުން ބައިވެރިކޮށްގެން އެމެރިކާގައި ހަދާފައިވާ ދިރާސާ އެއްގެ އަލީގައި އެ ރިޕޯޓުގައި ބުނެފައިވަނީ ރޭގަނޑު ހަތްގަޑި އިރު ނިދާ މީހުންނަށްވުރެ ނުވަގަޑި އިރަށްވުރެ ގިނަ އިރު ނިދާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 50 އިންސައްތަ ބޮޑު ކަމަށެވެ. އަދި ފަސްގަޑި އިރަށްވުރެ މަދުން ނިދާ މީހުންނަށްވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ ދިރާސާއިން ދައްކާ ކަމަށް ރިޕޯޓުގައި ވެއެވެ.

ގިނައިން ނިދުމުގެ ސަބަބުން މީހާގެ ބަރުދަން އިތުރުވާ ކަމަށްވެސް ދިރާސާ ތަކުން ދައްކަ އެވެ. އެގޮތުން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުން ރޭގަނޑު ހަތްގަޑި އިރު ނުވަތަ އަށްގަޑި އިރު ނިދާ މީހުންނާއި އަޅާބަލާއިރު ނުވައެއް ނުވަތަ 10 ގަޑިއިރު ނިދާމީހުން ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގައި އާދަޔާ ޚިލާފަށް ފަލަވުން 21 ޕަސެންޓް ގާތެވެ. އަދި ގިނައިން ނިދާ މީހަކު ބަލައިގެން ކައިބޮއެ ކަސްރަތުކޮށް ހެދިނަމަވެސް އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެ ދިރާސާ އިން ދައްކަ އެވެ. އަދި ގިނައިން ނިދުމުގެ ސަބަބުން ސިކުނޑިއަށް މެސެޖް ފޮނުވައިދޭ ނާރުތަކަށްކުރާ އަސަރުގެ ސަބަބުން ބައެއް މީހުންގެ ބޮލުގައި ރިހޭ ގޮތް ދިމާވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

"ގިނައިން ނިދާ ބައެއް މީހުންގެ ބޮލުގައި ރިހޭ ގޮތް ދިމާވޭ. އެހެން އެވަނީ ސިކުނޑިއަށް މެސެޖް ފޮނުވައިދޭ ނާރުތަކަށްކުރާ އަސަރުގެ ސަބަބުން ކަމަށް ދިރާސާ ތަކުން ދައްކާ. އަދި ބުރަކަށީގައި ރިއްސުމާއި، ޑިޕްރެޝަން އާ ވެސް ގިނައިން ނިދުމުގެ ސަބަބުން ކުރިމަތިވޭ،" އެ ރިޕޯޓުގައި ވެއެވެ.

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ހިތުގެ ބަލިތަށް ވެސް ގިނައިން ނިދުމުގެ ސަބަބުން ޖެހޭކަމަށް "ނާސަސް ހެލްތް ސްޓަޑީން" ހަތްދިހަ ދެހާސް އަންހެނުން ބައިވެރިކޮށްގެން ހަދާފައިވާ އެންމެ ފަހުގެ ދިރާސާއިން ދައްކަ އެވެ. އެ ދިރާސާ ބުނާ ގޮތުގައި އާއްމު ގޮތެއްގައި ރޭގަނޑު އަށްގަޑި އިރު ނިދާ އަންހެނުންނަށް ވުރެ ނުވަ ގަޑިއިރާއި، އެގާރަ ގަޑިއިރާއި ދެމެދު ނިދާ އަންހެނުންނަށް ވެސް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 38 ޕަސެންޓު އިތުރެވެ.

އާއްމު ގޮތެއްގައި ރޭގަނޑު ހަތްގަޑި އިރާއި، އަށްގަޑިއިރު ނިދާ މީހުންނަށްވުރެ ނުވަ ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ނިދާމީހުން މަރުވާ ރޭޓް ފާހަގަ ކޮށްލެވޭ މިންވަރަށް މަތިކަމަށް ގިނަ ދިރާސާ ތަކަކުން ދައްކާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި އެވެ. ނަމަވެސް އެގޮތަށް މަރުވާ މައިގަނޑު ސަބަބު އެއްވެސް ދިރާސާ އަކުން މިހާތަނަށް ހޯދިފައިނުވާ ކަމަށްވެސް ރިޕޯޓޓުގައި ބުނެފައި ވެއެވެ.