02 Dec 2012, 09:33
ޤާހިރާ (ޑިސެމްބަރު 2): މިސްރުގައި އެކުލަވާލި އާ ދުސްތޫރާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި މިމަހުގެ 15ގައި ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ތައްޔާރަށް ތިބުމަށް މިސްރުގެ ރައްޔިތުންނަށް ރައީސް މުޙައްމަދު މުރުސީ ގޮވާލައްވައިފި އެވެ.
މިސްރުގެ އާ ދުސްތޫރު އެކުލަވާލާ ނިމުމަށް ފަހު އެ ދުސްތޫރުގެ ދެލިކޮޕީ މުރުސީގެ އަތްޕުޅަށް އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުރުސީ ވަނީ އާ ދުސްތޫރު އެކުލަވާލި ތައުސީސީ ޖަމްޢިއްޔާގެ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އާ ދުސްތޫރަށް ޢަމަލުކުރަން ފެށޭނީ އެއާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްފަހުގައި ކަމަށާއި އާ ދުސްތޫރާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި މިމަހުގެ 15 ގައި ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ތައްޔާރުވެ ތިބުމަށް މިސްރުގެ ރައްޔިތުންނަށް މުރުސީ ގޮވާލެއްވި އެވެ. މިސްރުގެ އާ ދުސްތޫރުގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަކޮށް ތިންބާރު ވަކިކޮށްފައިވެ އެވެ. މިގޮތުން ރައީސާއި ޝަރުޢީ ދާއިރާއާއި ޕާލަމެންޓް، މިތިން ބާރުންކުރެ ކޮންމެ ބާރެއްގެ އިޚްތިސާސްގެ ތެރެއަށް ވެސް އަނެއްބާރަކަށް ނުވަދެވޭ ގޮތަށް ދަސްތޫރުގައި ބަޔާންކޮށްފައިވެ އެވެ.
މިސްރުގެ އާ ދުސްތޫރު އެކުލަވާލުމުގެ ކަންތައް ނިމިފައި މި ވަނީ އެ ޤައުމުގައި އާދަޔާ ޚިލާފު ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވަނިކޮށެވެ. މިހަލަބޮލިކަން އުފެދިފައި ވަނީ މިހާރު ކުރިޔަށްދާ އިންތިޤާލީ މަރްޙަލާގައި ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް ރައީސް މުރުސީ ރިޔާސީ އަމުރެއް ނެރުއްވުމާގުޅިގެންނެވެ. މި އަމުރަކީ އިންތިޤާލީ މަރްޙަލާގައި ތަންފީޒުކުރާ ވަގުތީ އަމުރެއްކަމުން މިސްރުގައި އެކުލަވާލި އައު ގާނޫނު އަސާސީގެ ދަށުން ޕާލަމެންޓް އިންތިޚާބުކޮށް އާ ދުސްތޫރާ އެއްގޮތަށް ވެރިކަން ކުރަން ފެށުމުން ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް މުރުސީ ރިޔާސީ އަމުރު ބާތިލްވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިސްރުގެ އާ ދަސްތޫރުގައި 234 މާއްދާ ހިމެނެ އެވެ. މިދަސްތޫރު އެކުލަވާލާފައި ވަނީ ދުނިޔޭގައި މިހާރު ގަބޫލުކުރާ ޑިމޮކްރެޓިކް ހަމަތަކުގެ އިތުރުން މިސްރުގެ ގައުމިއްޔަތާއި އާދަކާދައާއި އިސްލާމީ އުސޫލުތަކަށް ވެސް ރިޢާޔަތްކޮށްގެންނެވެ. ނަމަވެސް މުރުސީއާ އިދިކޮޅު މިސްރުގެ ލާދީނީ ފަރާތްތަކާއި ލެބެރަލް ޕާޓީތަކާ އަދި ގިބްތީ ނަސާރާ އިންގެ ޖަމާއަތްތަކުން ވަނީ އެގައުމުގެ އާ ދުސްތޫރުގެ ދެލިކޮޕީއަކީ ފަރުދީ މިނިވަންކަން އެންމެ ފުރިހަމައަށް ދީފައިނުވާ އަދި ދުނިޔޭގެ ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސް އާ މުޅިން އެއްގޮތް ދަސްތޫރެއް ނޫން ކަމަށް ސިފަކޮށް އާ ދުސްތޫރަށް ފާޑުކިޔާފަ އެވެ. (ބީ.ބީ.ސީ)