ހދ. ކުޅުދުއްފުށީ ބިން ހިއްކުމުގެ 109 މިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ފަށައިފި އެވެ.


ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީ އާއި ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލްއާ ދެމެދު ކޮންޓްރެކްޓްކުރެވިގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން، މިއަދުން ފެށިގެން 19 ދުވަހުގެ ތެރޭގައި ކުޅުއްދުފުށިން 28 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.


ހައުސިން މިނިސްޓްރީން ބުނީ، ސަރުކާރުން ރާވާފައިވާ ގޮތުގެ މަތިން މިއަހަރު ފަސް ރަށެއްގެ ބިން ހިއްކައި، ނިމިފައިވާ ކަމަށެވެ. އެއީ ހއ. ދިއްދޫގެ 31 ހެކްޓަރު ބިމާއި، ޅ. ހިންނަވަރުން 27 ހެކްޓަރުގެ ބިމާއި، ބ. ތުޅާދޫން 17 ހެކްޓަރުގެ ބިމާއި، ނ. ވެލިދޫން 14 ހެކްޓަރުގެ ބިމުގެ އިތުރުން މ. ދިއްގަރުން 1.9 ހެކްޓަރު ބިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.