ނިއުދިއްލީ (ޑިސެމްބަރު2): މި އަހަރުގެ ތިން ވަނަ ކްއާޓަރުގައި އިންޑިޔާގެ އިޤްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެޤައުމުން ނެރުނު އިޤްތިސާދީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިންޑިޔާގެ މާލީ ދާއިރާތަކުން މިދިޔަ ހުކުރު ދުވަހު ނެރުނު ތަފާސްހިސާބުތަކާ ޙަވާލާދީ ރޮއިޓާސް ޚަބަރު ދޭގޮތުގައި މިއަހަރުގެ ތިން ވަނަ ކްއާޓަރުގައި އިޤްތިސާދު ކުރިޔަށްދާނެ ކަމަށް އެޤައުމުން ލަފާކުރި 5.3 އިންސައްތައިގެ ދުވެލީގައި އިޤްތިސާދު ކުރިޔަށް ގޮސްފައެއްނުވެ އެވެ. އޭގެ ބަދަލުގައި އިންޑިޔާގެ އިޤްތިސާދު ކުރިޔަށް ގޮސްފައި ވަނީ 5.2 އިންސައްތައިގަ އެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކްއާޓަރުގައި6.7 އިންސައްތައިގެ ކުރިއެރުމެއް އިންޑިޔާގެ އިޤްތިސާދު ޙާސިލްކޮށްފައިވާ އިރު މިއީ އިންޑިޔާގެ އިގްތިސާދަށް އައި މަޑުޖެހުމެއްކަމަށް މުޙައްލިލުން ދެކެ އެވެ.

މި އަހަރުގެ ފުރަތަމަ ކްއާޓަރާއި ދެވަނަ ކްއާޓާރުގައި ވެސް މިދިޔަ އަހަރު ޙާސިލްކުރި އިޤްތިސާދީ ކުރިއެރުން އިންޑިޔާ އަށް ޙާސިލް ކުރެވިފައެއްނުވެ އެވެ. އަދި އިންޑިޔާގެ އިޤްތިސާދުގެ މިހާރުގެ ޙާލަތަށް ބަލާ އިރު މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ވެސް ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ އިންޑިޔާގެ އިޤްތިސާދީ ދުވެލި ދަށަށްދާނެ ކަމަށް އިޤްތިސާދީ ލަފާކުރުންތައް ބުނެ އެވެ. އިންޑިޔާގެ އިޤްތިސާދީ ދުވެލި ދަށަށް ދިޔުމުގެ ފަހަތުގައި ވަނީ ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގެ ސަބަބުން އެ ގައުމުތަކުން އިންޑިޔާ އިން އިންޕޯޓްކުރާ މުދަލުގެ މިންވަރު ދަށަށްދާން ފެށުމުގެ އިތުރުން ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް އިންޑިޔާގެ އެންމެ މަތީ ފެންވަރުގައި ވެސް ޢާންމު ވެފައިވުމުގެ ސަބަބުން ބައިނަލްއަޤްވާމީ އިންވެސްޓަރުން އިތުބާރު އިންޑިޔާގެ މައްޗަށް ކުޑަވެގެންދިޔުން ހިމެނެ އެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް އެކަށޭނަ މާޙައުލެއް ޤާއިމްކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމުގައި އިންޑިޔާގެ މައިސަރުކާރަށް އެދެވޭގޮތުގައި މަސައްކަތްކުރެވެމުން ނުދިޔުމާއި މިކަމަށް ބޭނުންވާ އިތުރު ޤާނޫނުތައް ވުޖޫދަށް ގެނެވިފައިނެތުމަކީ ވެސް އިންޑިޔާގެ އިޤްތިސާދު ދަށަށްދާން ފެށުމުގެ ސަބަބުތައް ކަމަށް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ.

އަނެއްކޮޅުން އިންޑިޔާގެ ރީޓޭލް ބާޒާރު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލުމަށް ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުން މަސައްކަތްކުރާއިރު އިންޑިޔާގެ ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ މިކަމާ ވަރަށްބޮޑަށް ދެކޮޅު ހަދަމުންނެވެ. އެފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ އިންޑިޔާގެ ރީޓޭލް ބާޒާރަށް ބޭރުގެ ބޮޑެތި ކުންފުނިތައް ވެއްދުމުން އެޤައުމުގެ ރީޓޭލް ވިޔަފާރިވެރިންނަށާއި ރީޓޭލް ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ރީޓޭލް ވިޔަފާރީގެ ކޮންޓްރޯލް ބޭރުގެ ކުންފުނިތަކުގެ އަތްމައްޗަށް ހިނގައިދާނެތީ އެވެ. މިމައްސަލަ އިންޑިޔާގެ ޕާލަމެންޓްގައި ވެސް މިހާރު ބޮޑު އަރާރުމަކަށްވެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުވަނީ ހޫނުފެނަށް ވެއްޓިފަ އެވެ. (ރޮއިޓާސް)