02 Dec 2012, 09:17
އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ އެއިޑްސް ބަލީގެ ވައިރަސް، އެޗްއައިވީ ދެ އަހަރުގެ ދިވެހި ކުއްޖެއްގެ ހަށިގަނޑުން ފެނިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން އިއްޔެ އެންޑީއޭގައި ބޭއްވި ވޯކްޝޮޕެއް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ އޭޖެންސީގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ އެޗްއައިވީ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވާސިލްވެފައިވާ އަންހެނެއްގެ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް އެ ބަލި އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ރާއްޖޭން ފެނުނު އެޗްއައިވީ ޖެހިފައިވާ ދެއަހަރުގެ ކުޑަކުއްޖާގެ ގަޔަށްއެ ވައިރަސް އަރާފައި ވަނީ އެ ކުއްޖާގެ މަންމަގެ ގައިން ކަމަށެވެ.
"މައި މީހާގެ ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށް ވެސް އެ ބަލި ޖެހޭ. މިއަހަރު މި ފެނުނު އުމުރުން އެންމެ ދެއަހަރު ކުޑަ ކުއްޖާގެ ހަށިގަނޑަށް ވެސް އެ ވައިރަސް އަރާފައި ވަނީ އެ ކުއްޖާގެ މަންމަގެ ގައިން،" ލުބުނާ ވިދާޅުވި އެވެ.
ލުބުނާ އިތުރަށް ވިދާޅުވީ އެޗްއައިވީ ޖެހުމުގެ ފުރުސަތު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި ވަރަށް ބޮޑު ކަމަށާއި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް އުމުރުން 22 އަހަރުގެ އަންހެން ޑްރަގް އެޑިކްޓެއްވެސް މި ބަލީގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަކީ ނުރައްކާތެރި އެތައް ބަލިތަކެއްގެ އެންމެ "ހައި ރިސްކް" ކެޓަގަރީގައި ހިމެނޭ ބައެއް ކަމަށް ލުބުނާ ވިދާޅުވި އެވެ.
"މި އަހަރުގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރާ 22 އަހަރުގެ އަންހެނަކު ވެސް ވަނީ އެއިޑްސް ބަލީގައި މަރުވެފައި. މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަކީ ނުރައްކާތެރި އެތައް ބަލިތަކަކުން ހައިރިސްކް ކެޓަގަރީގައި ކެޓަގަރައިޒް ކުރެވޭނެ ބައެއް،" ލުބުނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެއިޑްސް ދުހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ.