ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ބާކީ މި އޮތް މަދު ދުވަސްކޮޅުގައި މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބަޔަށް ޓަކައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދަ ދިނުމަށް ކަމަށް ވާދަވެރި އިންތިހާބަކަށް ފަހު އެމްޑީޕީގެ މައްޗަށް ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓް އިބްރާހިމް އަމީން ވިދާޅުވެއްޖެ އެވެ.

"މަޖިލިހުގައި މި ދައުރުގައި މަސައްކަތްކުރަން މި ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަސައްކަތް ކުރާނީ ރައްޔިތުންނަށް ހެވާއި ލާބަ ހޯދަދީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދަދޭން. އަޅުގަނޑުގެ އެންމެ މުހިންމު ކަމަކަށް ހަނދާނީ ރައްކާތެރިކަން ހޯދައިދިނުން،" އިންތިހާބު ކާމިޔާބުވިކަން ކަށަވަރު ވިތާ މާގިނައިރުތަކެއް ނުވަނީސް ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވި އެވެ.

އަމީން އަކީ އުނގޫފާރު ގޮނޑި ފުރުއްވަމުން ގެންދަވަނިކޮށް އަވަހާރަކޮށްލެވުނު ޑރ. އަފްރާޝިމް އަލީގެ އެއްބަޑުއެއްބަފާ ކޮއްކޮ އެވެ.

ޕީޕީއެމްއަށް އެ ގޮނޑި ދިފާއުކޮށްދީ އޭނާ އަށް އިންތިހާބު ކާމިޔާބުކުރެވުމުގެ ފަހަތުގައި އެތައް ސަބަބުތަކެއް ހިއްސާކުރާކަން އަމީން ފާހަގަކުރެއްވި އެވެ. އޭނާގެ ބޭބޭ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ އަނިޔާވެރިކޮށް ބަޔަކު ގަސްތުގައި އަވަހާރަކޮށްލުމުން، އެ ގޮނޑި އެ އާއިލާ އިން ބޭރަށް ނުދިޔުމަކީ އޭގެ ތެރެއިން އެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި އެގޮނޑި ކާމިޔާބު ކުރެވުމުގެ ފަހަތުގައި ޕީޕިއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ވުންވެސް ހިމެނޭ ކަމަށެވެ.

"މިކާމިޔާބު ލިބުމުގެ ފަހަތުގައި ބައިވަރު ސަބަބުތަކެއް އެބަވޭ. އޭގެ ތެރޭގައި އަޅުގަނޑުގެ "ތުއްތު" [ޑރ. އަފްރާޝީމް ]އަވަހާރާ ކޮށްލައި އެގޮނޑި ހުސްކޮށްލުމަކީ ވެސް އެއްކަންތައް. ޕީޕއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަން އެއީ ވެސް ސަބަބެއް. އަދި އެހެންމެ އަޅުގަނޑުގެ އާއިލާ އާއި ރަހްމަތްތެރިންނާ މި ދާއިރާގެ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކީ މިއީކަން ގަބޫލު ކުރެވުމަކީ ވެސް އެއް ސަބަބު،" އަމީން ވިދާޅުވި އެވެ.

ގިނަ އަދެދެއްގެ މީހުން ވޯޓުލާން ނިކުމަތަކީ ނަތީޖާ ސާފުވެގެން ދިއުމަށް ލިބުނު ފުރުސަތެއްކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ އެ އިންތިހާބަކީ އެމްޑީޕީ އަށް ވޯޓުލީ މީހުނަށް ވެސް ލިބުނު ކާމިޔާބެއް ކަމަށެވެ. އެހެންނަމަވެސް ހަގިގީ ކާމިޔާބު ލިބުނީ ޕީޕިއެމްއަށް ކަން އޭނާ އަދިވެސް ފާހަގަ ކުރެއްވި އެވެ.

"އެމަޑީޕީ އަށް ލިބުނީ ނާކިޔާމިޔާބީއެއް ނޫން. އެހެން ނަމަވެސް އަޅުގަނޑަށް ގިނަ މީހުން ވޯޓު ދިނުމަކީ މި ގޮތް ކަން ގިނަ މީހުން ބޭނުން ވަނީ އެނގިގެން ދިޔަކަމެއް،" އަމީން ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓްގެ މައްޗަށް ޕީޕީއެމް އިން ކުރި ހޯދީ 81 ވޯޓުގެ ތަފާތަކުންނެވެ. އެ ދާއިރާ އަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފަށް ލިބިވަޑައި ގަތީ 1078 އެކެވެ. އެއީ ވޯޓުލީ 2284 މީހުންގެ 48 ޕަސެންޓެވެ. ކާމިޔާބު ކުރެއްވި އަމީނަށް ލިބިވަޑައިގަތީ 1159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 51.60 ޕަސެންޓެވެ.