02 Dec 2012, 00:43
ގައުމީ ބޭންކް، ބީއެމްއެލްގެ ހިންގުމުގެ ތެރެއަށް ސިޔާސީ އެއްވެސް ނުފޫޒެއް ސަރުކާރުން ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބީއެމްލްއަށް 30 އަހަރުފުރުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިވީ އަހަރުތަކުގެ ތެރޭގައި މަދު ބަޔަކު ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ބޭންކަށް ބޮޑެތި ގެއްލުން ވަމުން އަންނަ ކަމަށާއި އެގޮތަށް ދިމާވާންޖެހުނީ ވިޔަފާރީގެ އުސޫލުން ހިނގަންޖެހޭ ތަނެއްގެ ތެރެއަށް އެކި އެކި ސިޔާސީ ނުފޫޒު ވަދެގެން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިހެންވާން މިޖެހެނީ ޕްރޮފެޝަނަލްކޮށް ވިޔަފާރީގެ އުސޫލުން ބޭންކިން އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިނގަންވާ މުއައްސަސާއެއްގެ ތެރެއަށް އެކި އެކި ސިޔާސީ ނުފޫޒުތައް ވަނުމުގެ ސަބަބުނޭ. ﷲ އިރާދަކުރެއްވީތީ މިހާރު އެކަމުން ސަލާމަތް ވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އެބަފެނޭ. އެގޮތުން ބޭންކުގެ ފައިދާ މިއަހަރު ރަނގަޅުކަމަށް ދައްކާ. އެހެންކަމުން އަޅުގަނޑު ދިވެހި ސަރުކާރުގެ ފަރާތުން ޔަގީންކަން އަރުވަން ސަރުކާރުގެ އެއްވެސް ނުފޫޒެއް މި ބޭންކް ހިންގުމުގެ ތެރެއަށް ނުވައްދާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދުވަސްވަރު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ސަލްޓަންސް އޮފް ދަ ސީސް އާއި ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއަށް ދޫކުރި އެތައް މިލިއަން ރުފިޔާއެއްގެ ލޯނުތައް އަދިވެސް ނުދައްކާ މައްސަލަ އާއި ބިލަތްދޫ ދާއިރާގެ މެންބަރު ހަމްޒާގެ ހިއްސާ އޮންނަ ތްރީއޭއިން ނަގާފައިވާ ލޯނު ނުދައްކާ މައްސަލައަށް ކަމަށްބެލެވެ އެވެ.
ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގެވެސް ގައުމީ ބޭންކަކީ ގައުމުގެ ވަރަށް ބޮޑު ރައުސްމާލެއް ކަމަށާއި އެތައް ބައެއްގެ މަސައްކަތުން ހޯދާ ފައިސާ ބޭންކުގައި ރައްކާ ކުރަނީ ފޮނި އުންމީދުތަކާ އެކު ކަމަށެވެ. އަދި އެ އެންމެންގެ ހައްގުތައް ރައްކާތެރިކޮށްދީ އާންމުންގެ އިތުބާރު އުފެއްދުމަކީ ބޭންކުން ކުރަން ޖެހިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
"ގައުމީ ބޭންކަކީ ގައުމުގެ ވަރަށް ގިނަ ބައެއްގެ އިތުބާރު ހޯދަންޖެހޭ ބޭންކެއް. މިއީ ވަރަށް ގިނަ ބައެއްގެ އަމާނާތެއް. ވަރަށް ގިނަ ބައެއްގެ ފައިސާ އޭގައި ހިމެނޭ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.
ގައުމީ ބޭންކުގެ ހިދުމަތްތައް މުޖުތަމައަށް އެކި ގޮތްގޮތުން ލިބެމުން އަންނަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ އިނާޔަތްތައް އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމުގައި ބޭންކުން މަސައްކަތްތަކީ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ފަހަކަށް އައިސް ބޭންކުން ތައާރަފްކުރަމުން އަންނަ އާ ހިދުމަތްތަކަށް ތައުރީފު ކުރެއްވި އެވެ. އަދި ދިވެހި ބޭންކުގެ ވަޒީފާއާ ގިނަ ޒުވާނުން ގުޅުމަށްވެސް ރައީސް އެދިވަޑައިގަތެވެ.
އަދި އަންނަ އަހަރުގެ ތެރޭގައި ބީއެމްއެލްގެ ހިދުމަތްތައް މީހުން ދިރިއުޅޭ ރަށްރަށް ފުޅާކުރުމުގެ ގޮތުން އާ ޕެކޭޖެއް އެ ބޭބްކުން ތައާރަފްކުރަން އުޅޭކަން ރައީސް އިއުލާންކުރެއްވި އެވެ.