02 Dec 2012, 00:16
ދުނިޔޭގައި މިހާތަނަށް ޝިފާއެއް ހޯދިފައިނުވާ ނުރައްކާތެރި އެއިޑްސް ބައްޔަށް އަމާޒު ހިފާ ފަދަ ނުރައްކާތެރި އެތައް ކަމެއް ދިވެހި ޒުވާނުންގެ ތެރެއިން ފެންނަމުންދާ ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސެއިން ވިދާޅު ވެއްޖެ އެވެ.
ބައިނަލްއަގްވާމީ އެޗްއައިވީ، އެއިޑްސް ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ.
ދުނިޔޭގެ އެއިޑްސް ބައްޔާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އިންތިޒާމް ކޮށްގެން މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިލަށް އެއް ދުވަހުގެ މުއްދަތަށް އެ އޭޖެންސީގައި ބޭއްވި އެޗްއައިވީ އެއިޑްސް އަށް މީހުން ހޭލުންތެރި ކުރުވުމުގެ ވޯކްޝޮޕް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ކަސްޓަމްސްގެ ރިކްރިއޭޝަން ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވިޔަސް އަދުގެ ޒުވާނުންގެ ތެރޭގައި ވާރުތަވަމުން އަންނަ ލާދީނީ އޮއިވަރުތަކުގައި އެ މީހުންނަށް މަގުއޮޅި ހަލާކުގެ ތެރެއަށް ވެއްޓުމުގެ ބިރު އިންތިހާއަށް ފެތުރިފައިވާ ކަމަށެވެ.
"އަދުގެ ޒުވާނުންގެ ތެރޭގައި އުފެދެމުން އަންނަ ލާދީނީ އޮއިވަރުތަކާއި ވިސްނުންތަކުގެ ސަބަބުން، ދީނީ ގޮތުން އަންގަވާފައިވާ ރިވެތި އުސޫލުތައް ދޫކޮށް ލާދީނީ އޮއިވަރުތަކަށް ޒުވާނުން މިވަނީ ހެއްލެން ފަށައިފައި،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ "އެޗްއައިވީ" ވައިރަސް އެންމެ ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ނަހަމަ ގޮތުގައި ހިންގޭ ޖިންސީ ގުޅުން ކަމަށެވެ. ނަމަވެސް މަސްތުވާ ތަކެއްޗާއި ގުޅުންހުރި ބައެއް އެހެން އަމަލުތަކުގެ ސަބަބުން ވެސް އެޗްއައިވީ ވައިރަސް އެކެއްގެ ގައިން އަނެކައިގެ ގަޔަށް ދަތުރު ކުރަމުންދާ ކަމަށް ވިދާޅުވެ، ހަތަރު ކަމެއް ފާހަގަ ކުރެއްވި އެވެ.
އިލްހާމް ވިދާޅުވީ އެއްކަމަކީ އެއްކަށި ބޭނުންކޮށްގެން އެތައް ބަޔަކު މަސްތުވުން ކަމަށެވެ އަދި ދެ ވަނަ ކަމަކީ ފައިސާ ހޯދުމަށް އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ހަށިވިއްކުން ކަމަށެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި ޖިންސީ އެދުންވެރިކަމަށް އިންސާނާގެ ހިތް ލަންބުވާ ފަދަ ނުރައްކާތެރި މަސްތުވާ ބާވަތްތަށް ކަމަށްވާ ކޮކެއިންއާ އެންފެޓަމައިންގެ ބާވަތްތައް އެއްކަށިން ބޭނުން ކުރުން ކަމަށް ވިދާޅުވެ، ހަތަރު ވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެފަދަ ގޮތަކުން ވައިރަސް ވާރުތަވެފައިވާ މަޔަކަށް ލިބޭ ދަރިފުޅަށް ވައިރަސް ވާރުތަކުރުން ކަމަށެވެ.
"އެޗްއައިވީ އެންމެ ފަސޭހައިން ފެތުރެނީ އެއްކަށިން އެތައް ބަޔަކު މަސްތުވުން. އެކަން މިތަނުގައި ވަރަށް ބޮޑަށް އެބައޮތް. މަސްތުވާތަކެތި ބޭނުންކުރާ މީހުން ފައިސާ ހޯދުމަށް ހަށިވިއްކާ. ޖިންސީ އެދުންވެރިކަމަށް ހިތް ލަންބުވާ ފަދަ ނުރައްކާތެރި މަސްތުގެ ބާވަތްތައް ކަމުގައި ކޮކެއިންއާ އެންފެޓަމިން ފަދަ ބާވަތްތަށް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގާ،" އިލްހާމް ވިދާޅުވި އެވެ.