ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަނެއްކާ ވެސް އެމްޑީޕީ އަށް މިރޭ ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރާ ގުޅިވަޑައިގަތުމަށް ފަހު ޖާބިރު އެ ޕާޓީ އަށް ސޮއިކުރެއްވީ އެމްޑީޕީގެ ވައުދުގެ ދަތުރުގެ ދޯނީގައި މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ސަން އަށް ދެއްވި އިންޓަވިއެއްގައި ޖާބިރު މި ރޭ ވިދާޅުވީ އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ ދިވެހި ރާއްޖޭގެ ތަރައްގީ އާއި ކުރިމަގަށް ޓަކައި މަސައްކަތް ކުރެވެން އޮތީ އެމްޑީޕީއާ ގުޅިގެން ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށާއި ކުރިން ރައީސް މުހައްމަދު ނަޝީދާ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް މިހާރު އެ ހިޔާލު އެއްގޮތް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރު ހިޔާލުތަފާތުވުންތަކެއް އެމްޑީޕީއާ ދޭތެރޭގައި ހުރި. ނަމަވެސް މިހާރު އެ ހިޔާލު ތަފާތުވުންތަކެއް ނެތް. އިރާދަކުރެއްވިއްޔާ 2013ގެ ރިޔާސީ އިންތިހާބާ ހަމައަށް ވެސް އަޅުގަނޑު ހުންނާނީ އެމްޑީޕީއާ އެކު،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ސިޔާސީ މައިދާނުގައި މިހާރު ކުރިއަށް ވަޑައިގެންނެވެން އޮތީ އެމްޑީޕީއާ އެކުގައި ކަމަށް ގަބޫލު ކުރައްވާތީ ކަމަށާއި ޖުމްހޫރީ ޕާޓީން ކަންތައްތައް ކޮށްފައި ވަނީ ޑިމޮކްރެޓިކް އުސޫލުން ކަންތައްތައް ކުރަން ޖެހޭ ގޮތަށް ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ އޭނާ ކުރިން ހުންނެވި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުގެ މަގާމުން ވަކި ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ޖާބިރު ކުރިން އެމްޑީޕީން ވަކިވެވަޑައި ގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެވެ. ނަމަވެސް އޭނާ މިރޭ ވިދާޅުވީ އެއީ މާޒީ ކަމަށެވެ.

ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބު ކުރީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތަކުގެ ވަރަށް ބޮޑު ތާއީދާ އެކު އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ރައީސް ވަހީދާއި ވަހީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އޭނާގެ ފާޑުކިޔުންތައް ބޮޑަށް ސަރުކާރަށް އަމާޒުވީ ހޮނޑައިދޫގައި ރަލުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ހިސާބުން ފެށިގެންނެވެ.