ވ. ފުލިދޫގައި މޫދަށް އެރިގެން އުޅުނު އުމުރުން 26 އަހަރުގެ ޒުވާނަކު ގެނބިގެން މަރުވެއްޖެ އެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އެ ހާދިސާގައި މަރުވެފައިވާ މ. ގްރީންޕީކް، އަބްﷲ ނަސީރު،26، މާލެ ގެނައުމުގެ މަސައްކަތް އާއިލާގެ ފަރާތުން ގެންދަނީ ކުރަމުންނެވެ.

ފުލިދޫ ކައުންސިލްގެ ރައީސް ބުޝްރީ މޫސާ މިރޭ ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައި ނަސީރު އޭނާ ތިމާގެ ކުދިންތަކަކާ އެކު މޫދަށް އެރިގެން އުޅެނިކޮށް ކަމަށާއި ފުލިދޫ ހެތްލް ޕޯސްޓަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހެލްޓް ޕޯސްޓުގެ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ބުޝްރީ ވިދާޅުވީ އެ ހާދިސާގައި މަރުވެފައި ވަނީ އޭނާއާ ތިމާގެ ކުއްޖެއް ކަމަށާއި އޭނާ އަށް ފަތަން ވެސް ނޭނގޭ ކަމަށެވެ.

ނަސީރު ގެނބުނީ ފުލިދޫ ކައިރީގައި އޮތް ފިނޮޅަކަށް ދިއުމަށް ތަންކޮޅެއް ފުން ދިމާލަކަށް އެރިގެން އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ހަވީރު ގަނޑީގައި ހުރިހާ ކުދިން ދިޔައީ އަޅުގަނޑުމެންގެ ގޭ ކުދިންނާ އެކު މޫދަށް. އޭނައަކީ ފިޓް ޖެހޭ ވެސް ކުއްޖެއް. އެ ހާދިސާ ހިނގީ ރަށު ކައިރީގައި އޮތް ފިނޮޅަށް ހިނގާފައި ގޮސް އެނބުރި ރަށަށް އައިސް ގޭ ދޮށަށް ދާން އެންމެން ހިނގައިގަތް ފަހުން، އޭނާ ބޭނުންވީ އެހެން ކުދި ބަޔަކު ފިނޮޅަށް ދާތީ އަނެއްކާ ވެސް އެތަނަށް ދާން. އެކަމެއް އެހެން ކުދިންނަކަށް ނޭނގޭ. އެ ސަރަހައްދުގައި އުޅުނު ބައެއް މީހުންނަށް ފެނުނު ކަމަށްވޭ އަޑިއަށް ގޮސް އޭނާ އެއް ފަހަރު އެރިތަން ވެސް. ދެން މައްޗަށް ނާރާ ތަންކޮޅެއް ގިނަ އިރުވެގެން ރަށުގެ ބަޔަކު ގޮސް ބެލި އިރު އޭނާ އޮތީ މޫދު އަޑީގައި މަރުވެފައި،" ބުސްރީ ވިދާޅުވި އެވެ.

އެ ހާދިސާގައި މަރުވި ޒުވާނާއަކީ ސިނކުޑީގައި ކޮންމެވެސް ކަހަލަ އުނިކަމެއް ހުންނަ ކުއްޖެއް ކަމަށް ވެސް ބުސްރީ ވިދާޅުވި އެވެ.