22 Sep 2010, 10:31
ލާލޭ ސްކޫލުގައި ކިޔަވަމުންދާ އުމުރުން 14 އަހަރުގެ ދަރިވަރަކު އެހެން ކުއްޖެއް ގައިގައި ކަޓަރު އެޅި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، އެތަނުން އެއް ކުއްޖެއްގެ އަތުގައި ކަޓަރު އެޅިކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ.
ލާލޭ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މޫސާ ރަޝީދު ވިދާޅުވީ، އެ ހާދިސާގައި ޒަޚަމްވެފައި ވަނީ، ގްރޭޑް 7 ގައި ކިޔަވަމުން އަންނަ އުމުރުން 13 އަހަރުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ އަތުގައި ކަޓަރު އެޅުމުގެ ސަބަބުން އަތުގެ ކަޅުހަމުން ހަތަރު އިންޗިއެއްހާތަން ކަފައިގެން ގޮސްފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. ނަމަވެސް، ސީރިއަސް ގެއްލުމެއް ނުލިބޭތީ، އެ ކުއްޖާ ސްކޫލަށް ހާޒިރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިން ވެސް ބައެއް މައްސަލަތައް ޖެހިފައިވާ ކަމަށް ބެލެވޭ އެ ދެ ކުދިންގެ މެދުގައި ހިނގި އެ މާރާމާރީ އަކީ، ސަކަރާތް ޖެހުމުގެ ތެރޭގައި "ސީރިއަސްވެގެން" ހިނގި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް އެ ކުދިންގެ މެދުގައި މައްސަލަ ޖެހިފައިވާކަން މިހާރު އެނގޭ. އެކަމަކު މިއީ އެހާ ބޮޑު މާރާމާރީއެއް ނޫން. ހަމައެކަނި ކުއްޖާގެ ކަޅުހަމުގެ ކަޓަރު އެޅުނީ. އެ ހަމަލާ ދިނީ އާޓް ކްލާހުގައި ކުދިން ބޭނުންކުރާ ކަޓަރަކުން،" ލާލޭ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކަޓަރު އެޅި ކުއްޖާ މިހާރު ސްކޫލުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ސްކޫލްގެ ޑިސިޕްލިނަރީ ބޯޑުން ވަކި ގޮތެއް ނިންމާ އެކުއްޖާގެ މައިންބަފައިންނަށް އަންގާނެ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާގެ ފަރާތުން ވަނީ މީގެ ކުރިން ވެސް ބައެއް "މައްސަލަތަކެއް" ފެންމަތިވެފަ އެވެ. ނަމަވެސް، އެ ކުއްޖާ އަކީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށްވާތީ، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.