01 Dec 2012, 18:40
އަވަށު ސްކޫލްތަައް ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ގަލޮޅު މަދަރުސާ ހިންގުމަށް ބަޔަކާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގަލޮޅު މަދަރުސާ ޕްރައިވެޓައިޒްކޮށް އެ ސްކޫލްގެ ހިންގުން ބަޔަޔާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިންތަކެއް ވަނީ ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ.
ގަލޮޅު މަދަރުސާގެ ޕްރިންސިޕަލް ސުރައްޔާ އިބްރާހިމް މިއަދު ވިދާޅުވީ އެކަމުގައި ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރިހާ ސްކޫލެއް ޕްރައިވެޓައިޒް ކުރީމާ ކޮމިއުނިޓީ ސްކޫލެއް ނެތި ބޮޑު ފީއެއް ދީގެން ކުދިން ސްކޫލަށް ގެންދަން ޖެހުން ކަމަށެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރަމުންގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕްރައިވެޓައިޒް ކުރުމުން ހުރިހާ ކުދިންނަކަށް ނޯންނާނެ އެހާ ބޮޑު ފީއެއް ދީގެން ކުދިން ސްކޫލަށް ފޮނުވޭކަށް. އެކަމުގެ ސަބަބުން ކުދިން ނިކަމެތިވެ މަގުމަތިވެގެންދާނީ. އަހުމަދިއްޔާ ސްކޫލާއި ސަރުކާރުގެ އެހެން ސްކޫލްތަކުން ވެސް ޑްރޮޕް އަައުޓްވާ ކުދިން ނަށް އަޅުގަނޑުމެން ޗާންސްދީގެން މުޖުތަމައުއަށް މިނެރެދެނީ. އެެހެން ހެދީމާ އެ ކުދިންގެ ފުރުސަތު މިގެއްލެނީ،" ސުރައްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލްތަކުންނާއި ބައެއް ބެލެނިވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް މިހާރު ވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ޕްރީސް ސްކޫލްތައް ޕްރައިވެޓައިޒް ކުރުމަކުން ބެލެނިވެރިންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށާއި ޕްރައިވެޓައިޒް ކުރިއަސް، ސްކޫލްތަކުން ނަގާފީ އެއްވެސް ވަރަކަށް ބޮޑު ނުކުރެވޭ ގޮތަށް އެގްރީމަންޓް ކުރާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެ ސްކޫލްތައް ޕްރައިވެޓައިޒް ކުރުމުން އެތަނުންދޭ ހިދުމަތްތައް ރަނގަޅުކޮށް، އެތަންތަން އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ.
"ޕްރައިވެޓައިޒް ކުރުމުގެ ވާހަކައާ އެެކު ކަންބޮޑުވުންތަކެއް އުފެދިގެން މިއުޅެނީ އެކަންތައްތައް އޮތް ގޮތް ނޭނގޭތީ. އަޅުގަނޑުމެން މިކުރާ ކަމަކީ ސްކޫލްގެ ހިންގުން އެހެން ބަޔަކާ ހަވާލުކުރުން ހަމައެކަނި. ބައެއް ފަރާތްތަކުގެ ކޮންސާނެއް ޕްރައިވެޓައިޒްކުރުމުން ތިން އަހަރު ނޫނީ ދެ އަހަރު ފަހުން ފީތައް ބޮޑު ކޮށްފާނެއޭ! ނަމަވެސް އެ ފުރުސަތެއް އެގްރީމަންޓަކުން ވެސް ނުދޭނެ." ސުޖާއު ވިދާޅުވި އެވެ. "ޕްރައިވެޓައިޒް ކޮށްގެން ސްކޫލްގެ އެއްވެސް މުވައްޒަފަކު ވަކިކުރުމުގެ ބާރެއް އަދި ފީ ބޮޑުކުރުމުގެ ބާރެއް އެފަރާތަކަށް ނޯންނާނެ."
މާލޭގައި ހުރި އަވަށު ސްކޫލްތައް ޕްރައިވެޓައިޒް ކުރުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަަަސައްކަތްތަކުގެ ދަށުން ހެންވޭރު ސްކޫލް ތަރައްގީކޮށް ހިންގުމަށް އަމިއްލަ ފަރާތަކާ ވަނީ ހަވާލުކޮށްފަ އެވެ.